އެމެރިކާ-އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދިޔަ ސޮލީބީ ސަހުޔޫނީ ހަނގުރާމަ ހުއްޓާލިކަން އިޢުލާންކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އެއްވެސް އިންޒާރަކާ ނުލައި އިސްރާއީލުން ބައިރޫތުގެ މެދުތެރޭގެ މީހުން ގިނަ އަދި ވިޔަފާރި ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.
ލުބުނާނުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ބުދަ ދުވަހު ބުނެފައިވަނީ، މި ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ، ސަތޭކަ އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި މިއީ ވަގުތީ އަދަދުތަކެއް ކަމަށާއި، އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު މި އަދަދު އިތުރުވުން އެކަށީގެންވާ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ލުބުނާނުގެ ފްރަންޓަށްވެސް ހިނގާނެ ކަމަށް ބުނެފައިވީ ނަމަވެސް، އިސްރާއީލުން ވަނީ ލުބުނާނުގެ ހިޒްބުالله އާއެކު އޮތް ހަނގުރާމައަށް އެ އެއްބަސްވުން ނުހިނގާނެ ކަމަށް ބުނެފައެވެ.
މި ހަމަލާތަކަކީ އެމެރިކާގެ ޕްރޮކްސީއެއް ކަމަށްވާ ޔަހޫދީ ރެޖީމުން މަދު ވަގުތުކޮޅެއްގެ ތެރޭގައި ދިން އެންމެ ބޮޑު ހަމަލާތަކެވެ. އެގޮތުން ބައިރޫތާއި، ލުބުނާނުގެ ދެކުނާއި، އިރުމަތީ ބަޤާ ވާދީގެ 100 އަށްވުރެ ގިނަ އަމާޒުތަކަށް 10 މިނެޓުގެ ތެރޭގައި ވަނީ ހަމަލާދީފައެވެ.
މީގެ ތެރެއިން ބައެއް ހަމަލާތައް އަމާޒުވީ މީހުން ގިނަ ވިޔަފާރި ސަރަހައްދުތަކަށެވެ. ނަތީޖާއެއްގެ ގޮތުން ސައިރަންގެ އަޑާއެކު، ބިއްލޫރިތަކާއި އިމާރާތްތަކުގެ ބައިތައް މަގުމައްޗަށް ބުރައިގެން ދިޔައިރު، ބިރުވެރިކަމުގެ ތެރޭގައި މީހުން ވަނީ އެ ސަރަހައްދުތަކުން ފިލަން ދުވެފައެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ބުނި ގޮތުގައި ބެއިރޫތުގެ މެދުތެރޭގެ އަދި އައްސޭރިފަށުގެ ސަރަހައްދުތަކުގެ މަދުވެގެން ފަސް އަވަށަކަށް ވަނީ ހަމަލާ އަމާޒު ކޮށްފައެވެ.










