މަސްޖިދުލްއަގްސާ ހުޅުވުމުން 3 ހާސް މީޙުން ފަތިސް ނަމާދުގެ ޖަމާއަތުގައި ބައިވެރިވި

ޔަހޫދީ ރެޖީމުން އަލްއަޤްޞާ މިސްކިތް 40 ދުވަހަށް ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމާއެކު، ފަލަސްޠީނުގެ އެތައް ސަތޭކަ އަޅުވެރިންނެއް އުފަލުން ރޮމުން މިސްކިތަށް ވަދެ ސަޖިދަ ޖަހައި ޝުކުރުގެ ނަމާދުކޮށް ފިއެވެ.

ގުދުސްއިން އައިސްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ގިނަ އަދަދެއްގެ ބަޔަކު ތަކްބީރު ކިޔަމުން މިސްކިތުގެ ހަރިންމަ ތެރެއަށް ދުވެފައި ގޮސް ވަދެ، ޝުކުރުގެ ސަޖިދަ ކުރަމުންދާ ތަން ފެނުނެވެ.

މަސްޖިދުލްއަގްސާ ހުޅުވުމާއެކު ބުރާސްފަތި ދުވަހުގެ ފަތިސް ނަމާދުގައި ގާތްގަނޑަކަށް 3،000 އެއްހާ މީހުން ބައިވެރިވިއެވެ.

ގުދުސް ގަވަރުނަރޭޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔަހޫދީ ޖެނޮސައިޑް ސިފައިން ވަނީ މިސްކިތަށް ވަންނަން ދިޔަ މީހުންނަށް ދުއްތުރާ ކުރުމަށް އެމީހުން ވަރަށް ބޮޑަށް ފާސްކޮށް ހަދާފައެވެ. އަދި ގިނަ އަދަދެއްގެ ޒުވާނުން މިސްކިތަށް ވަނުމަށް ހުރަސ އަޅައި އެމީހުންނާ ދެކޮޅަށް މުގުރު ބޭނުންކޮށްގެން މިސްކިތުގެ ދޮރުމަތީގައި އަނިޔާކޮށްފައި ވެއެވެ. އަދި ޖެނޮސައިޑް ރެޖީމުގެ ފުލުހުން ވަނީ ޔަހޫދީންގެ އަނިޔާވެރިކަމަށް ދެކޮޅު ހެދި ފަލަސްޠީނު 2 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އާދަވެގެން މަސްޖިދުއަގްސާގެ ހިމާޔަތުގައި މިސްކިތް ބަލަހައްޓަން އިންނަ މަޝްހޫރު އަންހެން މުރާބިޠާއެއްވެސް ހިމެނެއެވެ.

ފަތިސް ނަމާދުގެ ޖަމާއަތް ނިމުނުތާ މާގިނައިރުތަކެއް ނުވެ، ޖެނޮސައިޑް ޔަހޫދުންގެ ވަޒަންވެރިންގެ ގްރޫޕްތަކަކުން ވަނީ ފުލުހުންގެ ހިމާޔަތުގައި މިސްކިތުގެ ހަރަމްފުޅަށް ވަދެގަނެފައެވެ. އެމީހުން ވަނީ ބަނޑު ޖަހައިގެން ޔަހޫދީ ސްޓައިލަށް ސަޖިދަ ޖަހާފައެވެ.

ޤުދުސްގެ ގަވަރުނަރޭޓުން ބުނި ގޮތުގައި ޖެނޮސައިޑް ޔަހޫދީ ވަޒަންވެރިން ވަނީ ލަވަކިޔަމުން ތަލްމޫދީ އަޅުކަންތައްތައް އަދާކޮށްފައެވެ.

ޔަހޫދީންގެ "ޓެމްޕަލް މޫވްމަންޓް" ގްރޫޕްތަކުން އިއުލާނުކޮށްފައިވާ އާ ތާވަލުގެ ދަށުން، ވަޒަންވެރިން މިސްކިތަށް ވަންނަ ވަގުތުތައް ކަމަށް މިހާރު ކަނޑައަޅާފައި ވަނީ ހެނދުނު 6:30 އިން 11:30 އަށެވެ. އަދި މެންދުރުފަހު 1:30 އިން 3:00 އަށެވެ. މިއީ ދުވާލަކު ޖުމްލަ 6.5 ގަޑިއިރެވެ. ގުދުސްގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މި ވަގުތު އިތުރުކުރުމަކީ އަލްއަޤްޞާ މިސްކިތުގައި ޔަހޫދީން ތިބޭ ވަގުތު އިތުރުކުރުމަށް ވަގުތު ބަހާލުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ހިއްސާ ކުރައްވާ!