ތައިލެންޑުގައި ކުރިއަށްދާ ކިކްބޮކްސިން ވޯލްޑް ކަޕްގެ ފިރިހެނުންގެ 63 ކިލޯގެ ކެޓަގަރީގެ ސެމީ ފައިނަލުން، ޖޯޑަަންގެ ކުޅުންތެރިޔާ ސައީދު އަލްރަމްހީ (22 އަހަރު) ވަކިވެއްޖެއެވެ. އޭނާ މި މުބާރާތުން ވަކިވާން ނިންމީ، ރަން މެޑަލް ހޯދުމުގެ ފުރުސަތު ބޮޑުވެފައި އޮއްވައި، އިސްރާއީލުގެ ކުޅުންތެރިއަކާ ދެކޮޅަށް ކުޅެން ޖެހުމުން އޭނާގެ ގައިގައި އަތްލާން ބޭނުން ނުވާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
އަލްރަމްހީ މި ނިންމުން ނިންމީ މި މުބާރާތުގައި ވަރަށް ވަރުގަދަ ކުޅުމެއް ދައްކައި، މޮޅު ނަތީޖާތަކަކާއެކު ސެމީ ފައިނަލާ ހަމައަށް ދަތުރުކުރުމަށް ފަހުގައެވެ. އޭނާ މުބާރާތުން ވަކިވީ އޭނާ ގަބޫލުކުރާ އުސޫލުތަކުގައި ސާބިތުވެ ހުރުމުގެ ގޮތުންނެވެ.
އުރުދުންގެ ކިކްބޮކްސިން ޗެމްޕިއަން ސައީދުގެ ބައްޕަ ރަމްޒީ އަލްރަމްހީ ބުނި ގޮތުގައި، މިއީ ގައުމީ އަދި އަޚުލާގީ ވާޖިބެއްގެ ގޮތުން އޭނާގެ ދަރިފުޅު ނިންމި ނިންމުމެއް ކަމަށެވެ. އަދި ކޮންމެ ދުވަހަކު ގަތުލުއާންމުތައް ހިންގަމުންދާ، މަސްޖިދުލް އަގްސާ ބަންދުކޮށް ސަރަހައްދުގެ ރައްޔިތުންނަށް ހަމަލާދެމުންދާ ޔަހޫދީ ރެޖީމްގެ މީހެއްގެ ގައިގައި އަތްލައި އޭނާއާ ސަލާންގަލާން ކޮށް ކުރިމަތިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ނޫސްވެރިންނަށް ކިޔައިދިނެވެ.


