ޕާކިސްތާނުން ވަނީ އީރާނުގެ ވަފުދުގައި ހިމެނޭ މެންބަރުންގެ ލިސްޓެއް ވެސް އާންމުކޮށްފަ އެވެ.
އީރާނުގެ މަޖިލީހުގެ ރައީސް ޑރ. ބާގިރު ގާލީބާފް އިސްކޮށް ހުންނަވައިގެން ވަޑައިގަންނަވާ މި ވަފުދުގައި، ޚާރިޖީ ވަޒީރު ޑރ އަރާގްޗީ އާއި، ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (ގެ ތިން މެންބަރުންނާއި، މަރުކަޒީ ބޭންކުގެ ގަވަރުނަރާއި، ޚާރިޖީ ވަޒީރުގެ ތިން ނައިބުންނާއި، ޚާރިޖީ ވުޒާރާގެ ތަރުޖަމާނާއި، މަޖިލިސް މެންބަރުންގެ އިތުރުން އީރާނުގެ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގެ ރައީސް ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން، ނިއުކްލިއަރ މަޝްވަރާތަކުގައި ތަޖުރިބާކާރު، ގައުމީ ސަލާމަތީ މަޖިލީހުގެ ޑެޕިއުޓީ ޑރ. އަލީ ބާގިރީ ކާނީ އާއި، އީރާނު ގާނޫނު ހަދާ މަޖިލީހުގެ އެންމެ ހަރުކަށި ކޮންޒަވޭޓިވް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ މުޙައްމަދު ނަބަވިއަން ވެސް މި ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.
އިސްލާމްއާބާދުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އީރާނުގެ ޕާލަމެންޓުގެ ރައީސް ޑރ. ގާލީބާފް އިސްކޮށް ހުންނެވި ވަފުދަށް މަރުހަބާ ދެންނެވީ ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ސެނެޓަރު އިސްހާގު ދާރާއި، ޗީފް އޮފް ޑިފެންސް ފޯސަސް އަދި ޗީފް އޮފް އާމީ ސްޓާފް ފީލްޑް މާޝަލް އާސިމް މުނީރާއި، ޕާލަމެންޓްގެ ރައީސް ސަރުދާރު އަޔާޒް ސާދިގު އަދި އިންޓީރިއާ މިނިސްޓަރު މުހުސިން ނަގުވީ އެވެ.
"ޕާޓީތަކުން ބިނާކުރަނިވި ގޮތެއްގައި މަޝްވަރާ ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، މި ހަމަނުޖެހުމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޕާޓީތަކަށް މަގުފަހިކޮށްދިނުމުގައި ޕާކިސްތާނުން ދެމިއޮންނާނެ ކަމަށް ޑީޕީއެމް/އެފްއެމް ވިދާޅުވި،" ފޮރިން އޮފީހުން ބުންޏެވެ.


