ޕާކިސްތާނުގެ އިގްތިސާދަށް ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބޭ

ޕާކިސްތާނުގެ އިގްތިސާދީ ސިޔާސަތުތަކަށް އަންނަމުންދާ ހެޔޮ ބަދަލުތަކާއި، އަދި ހަމައެއާއެކު ކުރިމަތިވާ ނުތަނަވަސްކަމުގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ބިޒްނަސް ރިކޯޑާ ނޫހުގެ އެޑިޓޯރިއަލްއެއްގައި އިންޒާރު ދީފިއެވެ. އެ ނޫހުން ފާހަގަކޮށްފައިވާ ގޮތުގައި، ތަކެތީގެ އަގު އުފުލުމާއި، އިންވެސްޓްމަންޓްތައް މަދުވުމުގެ ސަބަބުން އިގްތިސާދީ ދުވެލި ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ.

ވިޔަފާރިތަކަށް ކުރިމަތިވަމުންދާ އެންމެ ބޮޑު ގޮންޖެހުމަކީ ކުއްލި ކުއްލިއަށް ޓެކްސްގެ ނިޒާމަށް އަންނަ ބަދަލުތަކާއި، އޮޅުންބޮޅުން ބޮޑު ގަވާއިދުތަކެވެ. މީގެ އިތުރުން ފައިސާގެ ތަދާއި، ހަކަތައިގެ އަގުތައް ކަނޑައެޅުމުގައި ހުރި އިތުބާރު ނެތް ސިޔާސަތުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.

އެޑިޓޯރިއަލްގައި ބުނެފައިވާ ގޮތުގައި، ޕާކިސްތާނުގެ އިގްތިސާދަށް ދިމާވެފައިވާ މައިގަނޑު މައްސަލައަކީ ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކަށްވުރެ ބޮޑަށް، އެ ގައުމުގެ ދާޚިލީ ހިންގުމުގައި ހުރި ނުކުޅެދުންތެރިކަމެވެ. ޚާއްސަކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ބުރަ ބޮޑުވާއިރު، ސިޔާސީ ނުފޫޒުގަދަ ފަރާތްތައް ޓެކްސްގެ ނިޒާމުން ބޭރުގައި ތިބުމަކީ ބޮޑު ކަންބޮޑުވުމެކެވެ. އަދި ރިއަލް އެސްޓޭޓް ދާއިރާއަށް ދެވޭ އިސްކަމުގެ ސަބަބުން އުފެއްދުންތެރި މަސައްކަތްތަކަށް ހުރަސް އެޅެމުންދާކަންވެސް ފާހަގަކޮށްފައިވެއެވެ.

އިންވެސްޓްމަންޓްތައް އިތުރުނުވަނީ ދުރާލާ ލަފާކުރެވޭ ފަދަ ޓެކްސްގެ ނިޒާމެއް ޕާލިސްތާންގައ ނެތުމާއި، ހަކަތައިގެ އަގުތައް އެއްވަރެއްގައި ނުހިފެހެއްޓޭތީއެވެ. ސްޕެޝަލް އިންވެސްޓްމަންޓް ފެސިލިޓޭޝަން ކައުންސިލުން ބައެއް އިޖުރާއަތްތައް ފަސޭހަކޮށްދިން ނަމަވެސް، އިގްތިސާދީ އޮނިގަނޑަށް ގެންނަންޖެހޭ އަސާސީ ބަދަލުތައް އަދިވެސް ގެނެވިފައެއް ނުވެއެވެ.

ބިޒްނަސް ރިކޯޑާގެ އެޑިޓޯރިއަލް ނިންމާލަމުން ބުނެފައިވަނީ، ޕާކިސްތާނުގެ އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ސިޔާސަތުތަކުގެ ސާފުކަމާއި، ދާއިމީ ގޮތެއްގައި ހިފެހެއްޓޭނެ އުސޫލުތަކެއް ބޭނުންވާ ކަމަށެވެ. އަދި ގާނޫނުތައް ހަމަހަމަކަމާއެކު ތަންފީޒުކުރުމަކީ އިގްތިސާދީ އިތުބާރު އަލުން ހޯދުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!