އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮން، ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުފަތުރުކުރުމުގެ މިނިވަންކަމާއި ސަލާމަތްތެރިކަން އަލުން ގާއިމުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. ދެ ގައުމުގެ އިސްވެރިން ވަނީ މިކަމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
ބޮޑުވަޒީރު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަރަންސޭސި ރައީސްއާއެކު މެދުއިރުމަތީގެ މަސްރަހާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވި ކަމަށެވެ. އަދި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް ދެ ބޭފުޅުންވެސް ވަނީ އާކުރައްވާފައެވެ.
މި ބައްދަލުވުމާއި މަޝްވަރާތައް ބާއްވާފައި މިވަނީ ސޮލީބީ ސަހުޔޫނީ ހަމަނުޖެހުންތަކާ ގުޅިގެން ކަނޑުގެ ދަތުރުފަތުރަށް ހުރަސްތަކެއް ކުރިމަތިވެ، މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. ހުރުމުޒު ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ވިޔަފާރީގައި، ހާއްސަކޮށް ތެލުގެ ވިޔަފާރީގައި ބޭނުންކުރާ އެންމެ މުހިންމު އެއް މަގެވެ.
އިންޑިއާ އާއި ފަރަންސޭސިވިލާތަކީ ސަލާމަތީ އަދި ދިފާއީ ދާއިރާއިން ސްޓްރެޓީޖިކް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ. މި ގުޅުމުގެ ދަށުން ދެ ގައުމުގެ މެދުގައި ގަވާއިދުން މުހިންމު މަޝްވަރާތައް ކުރިއަށްދެއެވެ.
ބޮޑުވަޒީރު މޯދީ އިތުރަށް ވިދާޅުވީ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސުލްހަ ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދެ ގައުމުގެ މެދުގައި އޮންނަ ގާތް ގުޅުން ކުރިއަށް އޮތް ތަނުގައިވެސް ދަމަހައްޓާނެ ކަމަށެވެ.


