ބްރިކްސް ސަމިޓް: ބައިނަލްއަގްވާމީ އައު މާލީ ނިޒާމަކާ ދިމާއަށް

ކުރިއަށް އޮތް 18 ވަނަ ބްރިކްސް ސަމިޓަކީ ހުޅަނގުގެ ބާރުތަކުގެ މައްޗަށް ބަރޯސާވެފައިވާ ބައިނަލްއަޤްވާމީ މާލީ އަދި ސިޔާސީ ނިޒާމު ބަދަލުކޮށް، ދުނިިޔޭގެ ދެކުނުގެ ބިތުގެ ޤައުމުތަކަށް އެކަށީގެންވާ މަޤާމެއް ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ފަށާ ސަމިޓަކަށް ވާނެއެވެ. ތާރީޚީގޮތުން އިސްތިއުމާރީ ވެރިކަމުގެ ދަށުގައި އޮތް ޤައުމުތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ޖަމްޢިއްޔާއިން އަންނަނީ ދުނިޔޭގެ މަސްރަހުގައި ގިނަ ބާރުތައް އެކުލެވިގެންވާ ހަމަހަމަ ނިޒާމެއް ޤާއިމުކުރުމަށް ބާރުއަޅަމުންނެވެ.

މިދިޔަ އަހަރުތަކުގައި ބްރިކްސްއިން ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގައި އިންޑިއާއާއި ބްރާޒީލަށް ދާއިމީ މެންބަރުކަން ހޯދައިދިނުމަށް ވަކާލާތުކޮށްފައެވެ. ޗައިނާއާއި ރަޝިޔާއިން މިކަމަށް ފުރިހަމައަށް ތާއީދުކުރަމުންދާއިރު، ބައިނަލްއަޤްވާމީ ސުލްޙަ ޤާއިމުކުރުމުގެ މަސައްކަތްތަކުގައި އިންޑިއާގެ ސިފައިން އަދާކުރަމުންދާ އިސް ދައުރަކީ މިފަދަ މަޤާމުތަކަށް އެ ޤައުމު ހައްޤުވާކަން ދައްކުވައިދޭ ކަމެއް ކަމަށް ފާހަގަކުރެއެވެ.

މާލީ މައިދާނުގައި ހުޅަނގުގެ މާލީ ނިޒާމުތަކުގެ ނުފޫޒު ކުޑަކުރުމުގެ މަޤްޞަދުގައި، ބްރިކްސްއިން ވަނީ 2015 ވަނަ އަހަރު ނިއު ޑިވެލޮޕްމަންޓް ބޭންކު (އެން.ޑީ.ބީ) އުފައްދާފައެވެ. ވޯލްޑް ބޭންކާއި އައިއެމްއެފްގެ ބަދަލެއްގެ ގޮތުގައި މަސައްކަތް ކުރާ މި ބޭންކުން މިހާތަނަށް ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ 139 މަޝްރޫޢަކަށް ބިލިއަނުން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިއީ ހުޅަނގުގެ މާލީ ނިޒާމުތަކަށް ބަރޯސާވުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ ވިޔަފާރީގައި އެމެރިކާ ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކޮށް ޑިޑޮލަރައިޒޭޝަން ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ ވެސް މި ޖަމްޢިއްޔާގެ މުހިންމު އަމާޒެކެވެ.

ބްރިކްސްގެ މަޤްޞަދަކީ މިހާރު ހުރި ބައިނަލްއަޤްވާމީ ނިޒާމުތައް މުޅިން ނައްތާލުމެއް ނޫނެވެ. ނަމަވެސް، އިލްމީ އަދި ސިޔާސީ ދާއިރާތަކުގައި ހުޅަނގުގެ ފިކުރަށް ހުރަސްއަޅައި، ދެކުނުގެ ގައުމުތަކުގެ ވިސްނުން އިސްކުރުމެވެ.

ކުރިއަށް އޮތް ސަމިޓުގައި އިޤްތިޞާދީ ގޮތުންނާއި މާލީ ގޮތުން ޤައުމުތައް ވަރުގަދަކުރުމަށް މަޝްވަރާކުރެވޭނެއެވެ. އިސްތިއުމާރީ ޒަމާނުގެ ނުފޫޒުތަކުން އަރައިގަނެ، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމުގައި ބްރިކްސްގެ ދައުރު ކުރިއަށް އޮތް ތަނުގައި އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!