ޗައިނާ އާއި އިންޑިއާގެ އިޤްތިޞާދީ ގުޅުމަކީ ދެ ޤައުމަށްވެސް ފައިދާހުރި ކަމެއް ކަމަށް ބުނެފި

ޗައިނާ އާއި އިންޑިއާއާ ދެމެދު އޮތް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުމަކީ ދެ ފަރާތަށްވެސް ފައިދާހުރި އަދި ކާމިޔާބު ގުޅުމެއް ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. އިންޑިއާގައި ހަރަކާތްތެރިވާ ޗައިނާގެ ކުންފުނިތަކަށް ހަމަހަމަ އަދި ދެފުށް ފެންނަ ވިޔަފާރީގެ މާޙައުލެއް ޤާއިމުކޮށްދިނުމަށް ބެއިޖިންގ އިން ވަނީ ގޮވާލާފެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ގޯ ޖިއަކުން މިހެން ވިދާޅުވީ، އިންޑިއާގެ ސީރިއަސް ފްރޯޑް އިންވެސްޓިގޭޝަން އޮފީސް (އެސް.އެފް.އައި.އޯ) އިން ޗައިނާގެ މަޝްހޫރު ފޯނު އުފައްދާ ކުންފުންޏެއް ކަމަށްވާ ޝިއޯމީއާ ދެކޮޅަށް ތަޙުޤީޤެއް ހިންގުމަށް ލަފާދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެފަދަ ވަކި ޙާދިސާއެއްގެ މަޢުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވަމުން، އިންޑިއާގައި އިންވެސްޓްކޮށް ހަރަކާތްތެރިވާ ހުރިހާ ޤައުމެއްގެ ކުންފުނިތަކަށްވެސް އިންސާފުވެރި އަދި ހަމަހަމަ މާޙައުލެއް ފަހިކޮށްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މި ޚަބަރު ފެތުރިގެންދިޔައީ އިންޑިއާގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ބްރިކްސް ސަމިޓަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ވަޑައިގަންނަވާނެތޯ އެހުމުން، އެ ވުޒާރާއިން ވަނީ އެކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދިނުމަށް އިންކާރުކޮށްފައެވެ. މިއީ 2020 ވަނަ އަހަރު ގަލްވާންގައި ހިނގި ހަމަނުޖެހުންތަކަށްފަހު، ދެ ޤައުމުގެ ގުޅުން ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ސަމާލުކަން ލިބިފައިވާ މުހިންމު ކަމެކެވެ.

މިދަނޑިވަޅުގައި، ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ އިންޑިއާގެ ސަފީރު ވިކްރަމް ޑޮރައިސްވާމީ ވަނީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި، އިޤްތިޞާދާއި، މޫސުމީ ބަދަލުތަކުގެ އިތުރުން ޑިޖިޓަލް ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ޗައިނާގެ ނޫހެއްގައި އޭނާ ލިޔުއްވި އޮޕްއެޑެއްގައި ވިދާޅުވީ، ހަމަޖެހުމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ އިންޑިއާ-ޗައިނާގެ ގުޅުމަކީ ދެ ޤައުމުގެ އާބާދީއަށް އެކަނި ފައިދާވާން އޮތްކަމެއް ނޫން ކަމަށާއި، އެއީ، މުޅި ދުނިޔޭގެ ސުލްޙައާއި ތަރައްޤީއަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.

ހިއްސާ ކުރައްވާ!