ޗައިނާގެ އެކްސްޕޯޓު ވިޔަފާރި ހަލުއިކަމާއެކު ކުރިއަށް

މިއަހަރުގެ އޯގަސްޓް މަހު ޗައިނާގެ އެކްޕޯޓް ހަލުއި ކަމާއެކު އިތުރުވުމުން މިއަހަރުގެ މިހާތަނަށް އެ ޤައުމުގެ ވިޔަފާރީގެ އަރަނި ގާތްގަނޑަކަށް 806 ބިލިއަން ޑޮލަރަށް އަރައިފިއެވެ. މި މަހު ވޮޝިންގްޓަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދުތަކުގެ ވެރިންގެ ބައްދަލުވުމުގެ ކުރިން، ވިޔަފާރީގެ ނުތަނަވަސްކަން ކުޑަކުރުމަށް އެމެރިކާއިން ވަނީ ޗައިނާއަށް ބާރުއަޅަން ފަށާފައެވެ.

"ބްލޫމްބަރގް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވޭތިވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އޯގަސްޓް މަހު ޗައިނާ އެކްޕޯޓް ވަނީ %25 އަށް އިތުރުވެފައެވެ. އަދި ޗައިނާގެ ޖެނެރަލް އެޑްމިނ,ިސްޓްރޭޝަން އޮފް ކަސްޓަމްސް އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި އިމްޕޯޓް ވަނީ %28.2 އަށް އިތުރުވެފައެވެ.

މިކަމުގެ ސަބަބުން، ޖުލައި މަހާ އަޅައިބަލާއިރު އޯގަސްޓް މަހުގެ ވިޔަފާރީގެ ފައިދާ ވަނީ %6 އަށް އިތުވެ، 119.1 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ލިބިފައިވާ ޖުމްލަ ފައިދާ ވަނީ 2025 ވަނަ އަހަރުގެ އެ މުއްދަތަށްވުރެ މަތީގައި ހިފަހައްޓާފައެވެ.

ބޭންކް އޮފް އޭޝިއާގެ ގްރޭޓަރ ޗައިނާ ސަރަޙައްދުގެ އިޤްތިޞާދީ މާހިރު ލިން ސޮންގް ވިދާޅުވީ، އިމްޕޯޓް އިތުރުވަމުންދިޔަ ނަމަވެސް، މި އަހަރު ޗައިނާގެ ވިޔަފާރީގެ ފައިދާ ރެކޯޑު މިންވަރަކަށް މައްޗަށް ދިއުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.

ފާއިތުވި އަހަރު 1.2 ޓްރީލިއަން ޑޮލަރުގެ ރެކޯޑު ފައިދާއެއް ހޯދުމަށްފަހު، 2026 ވަނަ އަހަރު ޗައިނާ ދަނީ އެއަށްވުރެ ބޮޑު ފައިދާއަކަށް އަމާޒުކޮށްގެން މަސައްކަތްކުރަމުންނެވެ. ޚާއްޞަކޮށް މުޅި ދުނިޔޭގައި އޭއައިގެ އުމްރާނީ ވަސީލަތްތައް ފުޅާވަމުންދިއުމަކީ އޭޝިއާގެ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބެމުންދާ ކަމެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރާމްޕް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމެރިކާއަށް ޗައިނާއިން ކުރާ އެކްސްޕޯޓް ވަނީ %44 އަށް އިތުވެފައެވެ. އަދި އޯގަސްޓް މަހު އެކަނިވެސް އެމެރިކާއަށް ކުރާ އެކްސްޕޯޓު ވަނީ %34.4 އށް އިތުވެފައެވެ. ނަމަވެސް ޔޫރަޕިއަން ޔޫނިއަންއަށް ކުރާ އެކްޕޯޓް އިތުރުވެފައިވަނީ އެންމެ %6.7 ގައެވެ.

މި މަހުގެ ފަހުކޮޅު އެމެރިކާގައި ޗައިނާގެ ރައީސް ޝީ ޖިން ޕިންގްއާއި އެމެރިކާގެ ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.

ހިއްސާ ކުރައްވާ!