ކެނެޑާގެ ބޮމްބާޑިއާގެ ބޯޓުތައް އެމެރިކާގައި ވިއްކުން މަނާ ކުރަނީ

އެމެރިކާއާއި ކެނެޑާއާ ދެމެދު ވިޔަފާރީގެ ހަނގުރާމައެއް  ފެށިފައިވާ ދަނޑިވަޅެއްގައި، ކެނެޑާގެ ވައިގެ އުޅަނދު އުފައްދާ މަޝްހޫރު ކުންފުނި "ބޮމްބާޑިއާ" ގެ ބޯޓުތައް އެމެރިކާގައި ވިއްކުން މަނާކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރުދެއްވައިފިއެވެ. އަންގާރަ ދުވަހު ޓްރަމްޕް ދޮގުވާހަކަ ފަތުރާ ޓުރުތު ސޯޝަލް ޕްލެޓްފޯމުގައި ލިޔުނު ޕޯސްޓެއްގައި ބުނެފައި ވަނީ އެމެރިކާގައި ބޮމްބާޑިއާ ކުންފުނީގެ ބޯޓުތައް އިތުރަށް ވިއްކުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށާއި، އެ ކުންފުނީގެ އުފެއްދުންތަކުގެ ފެންވަރު ދަށް ކަމަށެވެ. މިއީ ދޮގު ވާހަކަ ފަތުރައި ޕްރޮޕެގެންޑާ ކުރުމުގައި ޓްރަމްޕް ގެންގުޅޭ އާންމު ސްޓައިލެކެވެ.

"އެމެރިކާގެ މާކެޓު ބޭނުންވާނަމަ، އެ ފަރާތްތަކަށް ޖެހޭނީ އަހަރެމެންގެ ޤައުމުގައި ބޯޓުތައް އުފައްދަން. އަދި އެމެރިކާއަކީ ފައިސާ ނަގާ ފޮށްޓެއްގެ ގޮތުގައި ދެކިގެން ނުވާނެ" ޓްރަމްޕް ލިޔުއްވިއެވެ. އަދި ބޮމްބާޑިއާ ކުންފުނީގެ އާމްދަނީގެ 50 އިންސައްތަ ލިބެނީ އެމެރިކާއިން ކަމަށް ބުނެ ޓްރަމްޕް ދޮގު ހެއްޖެވެ.

ޓްރަމްޕް ދޭތެރޭން ދޭ މިފަދަ އިންޒާރަކީ ބޭރުގެ ކުންފުނިތަކުން އެމެރިކާގައި ގިނައިން މުދާ އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން ޓްރަމްޕް ހިންގަވާ ކެމްޕޭނުގެ ދަށުން ދައްކާ ވާހަކަތަކެވެ.

ޓްރަމްޕްގެ މި އިންޒާރު އައިސްފައިވަނީ އެމެރިކާގެ އުފެއްދުންތަކަށް ކެނެޑާއިން %15 އާއި %50 އާ ދެމެދުގެ ޑިއުޓީއެއް ނަގަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީގެ ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ ޓްރަމްޕް އެ ޤައުމުގެ މުދަލަށް ނަގަން ފެށި ޑިއުޓީތަކަށް ރައްދުދިނުމުގެ ގޮތުންނެވެ.

ކެނެޑާގެ މޮންޓްރިއާލް ގައި މައި އޮފީސް ހުންނަ ބޮމްބާޑިއާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގައި އެ ކުންފުނިން މިހާރުވެސް ހިންގާ ވިޔަފާރިތަކުގެ ސަބަބުން އެތައް ހާސް އެމެރިކާ ރައްޔިތުންނަށް ވަޒީފާ ލިބެމުންދާ ކަމަށެވެ. އަދި އެމެރިކާގެ ކުންފުނިތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އެ ޤައުމުގައި އިންވެސްޓްކުރުން ކުރިއަށްގެންދާނެ ކަމަށެވެ.

ކެބެކް ޕްރޮވިންސުގެ ބޮޑުވަޒީރު ކްރިސްޓިން ފްރެޝިޓް ވިދާޅުވީ ޓްރަމްޕްގެ ވާހަކަތަކަށް އިތުރު ރައްދެއް ނުދެއްވާނެ ކަމަށާއި، ބޮމްބާޑިއާއަކީ ކެބެކްގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް ތަނބު ކަމަށެވެ.

ކެނެޑާގެ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޮމްބާޑިއާގެ ޖައްވީ އުޅަނދުތަކުގެ ދެބައިކުޅަ އެއްބައި ބޭނުންކުރަނީ އެމެރިކާގެ ކަސްޓަމަރުންނެވެ. އެ ޤައުމުގެ ކެންސާސް ސްޓޭޓުގައި އެ ކުންފުނީގެ ޚާއްޞަ މަރުކަޒެއް ހުރެއެވެ.

ހިއްސާ ކުރައްވާ!