ޗައިނާގެ އަސްކަރީ މައުލޫމާތު ބޭރުވިޔަ ނުދިނުމަށް ހަރުކަށި ފިޔަވަޅުތަކެއް

ޗައިނާގެ ސިފައިންގެ މަރުކަޒުތަކާއި ނާޒުކު ސަރަޙައްދުތަކުގެ ފޮޓޯނަގައި، ޑިޖިޓަލް މީސް މީޑިއާގައި ހިއްސާކުރާ ފަރާތްތަކާ ދެކޮޅަށް އެ ޤައުމުގެ ޤައުމީ ސަލާމަތާބެހޭ އިދާރާތަކުން ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ފަސޭހަކަމާއެކު ވަގުތުން ފޮޓޯނަގައި، ޑިޖިޓަލް މީސް މީޑިއާ އާއި ޑްރޯން މެދުވެރިކޮށް ފުޅާދާއިރާއެއްގައި ފެތުރުމުގެ ފުރުސަތު އޮތްއިރު، ޗައިނާގެ މިނިސްޓްރީ އޮފް ސެކިއުރިޓީން ވަނީ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ މިފަދަ ޢަމަލުތަކާ މެދު ހަރުކަށި އިންޒާރެއް ދީފައެވެ. އެ މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، ސިފައިންގެ ސިއްރުތައް ރައްކާތެރިކުރުމަކީ ހަމައެކަނި ބިމުގައި ހުންނަ ސަރަޙައްދުތައް ބެލެހެއްޓުމާ ގުޅިފައިވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މައުލޫމާތުގެ ރަސްމަގުގައި ޙިއްޞާކުރެވޭ ފޮޓޯއާއި މަޢުލޫމާތު ކޮންޓްރޯލްކުރުންވެސް ހިމެނެއެވެ. ސަބަބަކީ މަދު މަޢުލޫމާތުކޮޅެއް ނުވަތަ ކުދިކުދި ވީޑިއޯ ކްލިޕްތަކެއް އެއްކޮށް، ތަޙުލީލުކޮށްފިނަމަ، އެއީ ބޭރުގެ ޖާސޫސީ ފަރާތްތަކަށް ލިބޭ ސަލާމަތީ ނުރައްކަލަކަށް ވެގެންދިޔުން އެކަށީގެންވާތީއެވެ.

މިކަމާ ގުޅިގެން، ވީޗެޓް މެދުވެރިކޮށް ނެރުނު ޚާއްސަ ލިޔުމެއްގައި ޗައިނާއިން ބުނެފައިވަނީ، ބައެއް ތަންތަނަކީ މަނާ ތަންތަން ކަމަށާއި ހުއްދަ ނެތި އެފަދަ މަންޒަރުތައް ނުނެގޭނެ ކަމަށެވެ. އަދި ސިފައިންގެ ސަރަޙައްދުތަކާއި ނާޒުކު ތަންތަން ފޮޓޯނަގައިގެން މަޝްހޫރުވާން އުޅުނު މީހުންގެ ތިން މައްސަލައެއް އެ ލިޔުމުގައި ވަނީ ތަފުސީލުކޮށް ގެނެސްދީފައެވެ.

ފުރަތަމަ މައްސަލައިގައި ހިމެނެނީ މަތިންދާބޯޓުތައް ޓެސްޓުކުރާ ސަރަޙައްދަކާ ކައިރިއަށް ގޮސް، ކައިރީގައިހުރި އިމާރާތެއްގެ މަތިން ޖާގަ ހޯދައިގެން ފާރަލި މީހެކެވެ. ދެ ދުވަހެއްގެ މަތިން އޭނާ ވަނީ ފޯނާއި ޚާއްޞަ ކެމެރާ ބޭނުންކޮށްގެން ސިފައިންގެ އެކި މަނަވަރުތަކާއި، ކުރިން ހާމަކޮށްފައިނުވާ ތަކެތީގެ ފޮޓޯނަގާފައެވެ. އޭގެފަހުން، އަދި ހާމަނުކުރާ މަރުކާގެ މަތިންދާބޯޓެއްގެ ފޮޓޯ ޑިޖިޓަލް މީސް މީޑިއާގައި އޭނާ ޝާއިޢުކުރިއެވެ. ޕޯސްޓުކުރާތާ މަދު މިނެޓުކޮޅެއްގެ ތެރޭގައި އޭނާ އެ ޕޯސްޓު ޑިލީޓްކުރި ނަމަވެސް، އެ ފޮޓޯތައް ވަނީ ވަރަށް ބާރަށް ފެތުރިފެވެ. ތަޙުޤީޤުގައި އޭނާ ބުނެފައިވަނީ އެކަން ކުރީ ހަމައެކަނި ޝައުޤުވެރިކަމަކާއި މީހުންގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް، ޤާނޫނާ ޚިލާފަށް ދައުލަތުގެ ސިއްރު ހޯދުމުގެ ތުހުމަތުގައި އޭނާ ވަނީ ޕްރޮސިކިއުޓަރ އޮފީހަށް ހުށަހަޅާފައެވެ.

ދެވަނަ މައްސަލައަކީ، ސިފައިންގެ މަނާ ސަރަޙައްދެއްކަން އެނގިހުރެ އެ ސަރަހައްދުގެ ތަޅު ހަލާކުކޮށްލައި، ފާރުމަތިން ފުންދެގެން ގޮސް ސިފައިންގެ ސަރަޙައްދުތަކުގެ ފޮޓޯނެގި މީހެކެވެ. ނުރައްކާތެރި ކަންކަމަށް ލޯބިކުރާ ގްރޫޕަކަށް ނިސްބަތވާ އެ މީހާ ހުރީ އެ ފޮޓޯތައް ޑިޖިޓަލް މީސް މީޑިއާގައި ޝާއިޢުކުރަން ރާވާފައެވެ. ސަލާމަތީ ބާރުތަކުން ވަނީ މި މީހާ ހައްޔަރުކޮށްފައެވެ.

ތިންވަނަ މައްސަލައަކީ ޑްރޯން އިންޖިނިއަރަކު، ސިފައިންގެ އެއާޕޯޓެއްގެ މަތިންނާއި ތަމްރީނު މަރުކަޒުތަކުގެ މަތިން އެކި ފަހަރުމަތިން ޑްރޯން ދުއްވައިގެން ހުއްދަނެތި ފޮޓޯނެގުމެވެ. އެމިނިސްޓްރީން ބުނީ އާންމުން ދިން މަޢުލޫމާތާ ގުޅިގެން އެ މީހާއާމެދު ޤާނޫނީ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ޤައުމީ ސަލާމަތާބެހޭ އިދާރާތަކުން ފާހަގަކުރާ ގޮތުގައި، މިފަދަ މައްސަލަތަކުން މައިގަނޑު 3 ކަމެއް ފާހަގަކުރެވެއެވެ. އެއީ މީހުންގެ ސަމާލުކަން ހޯދުމަށް ނުވަތަ ޚާއްސަ ޝޮޓެއް ހޯދުމުގެ ވާދަވެރިކަމެއް އުފެދުމާއި، ފޮޓޯނެގުމަކީ ހަމައެކަނި ހޮބީއެއް ކަމަށްދެކި ޤާނޫނީ ޒިންމާއިން ރެކިދާނެ ކަމަށް ހީކުރުމެވެ. މީގެއިތުރުން، ޝާއިޢުކުރާ މަޢުލޫމާތުގެ އަގު ވަޒަން ނުކުރެވުމާއި، ބޭރުގެ ޖާސޫސީ އިދާރާތަކުން ކުދިކުދި މަޢުލޫމާތުތައް އެއްކޮށްގެން ސިފައިންގެ މުހިންމު މަޢުލޫމާތު ހޯދާފާނެ ކަމަށް ވަނީ އިންޒާރުދީފެވެ.

ސިފައިންގެ ސަރަޙައްދުތަކަށް ވަދެ، ފޮޓޯނެގުމާއި، ވީޑިއޯކުރުމާއި، ލޮކޭޝަން ނެގުމަކީ ހަމައެކަނި ޝައުޤުވެރިކަމަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެ މިނިސްޓްރީން ވަނީ ތަކުރާރުކޮށް ބުނެފެވެ. އިންޓަނެޓަކީ ޤާނޫނުން ބޭރުގައި އޮތް ޖާގައެއް ނޫން ކަމަށާއި، ސިފައިންގެ ނާޒުކު މަޢުލޫމާތު ހިއްސާކުރުމާއި ކޮމެންޓުކުރުމަކީ ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެ އިދާރާއިން ބުނެއެވެ.

ހިއްސާ ކުރައްވާ!