އިންޑިއާގެ ފެޝަން ކުންފުންޏެއްގެ 40 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި އަމީތާބައްޗަންގެ ކާފަ ދަރިފުޅު ވިދާލައިފިއެވެ. ފެޝަނާއި ސިނަމާއާއި މުނިފޫހިފިލުވުމުގެ ދާއިރާގެ މަޝްހޫރު ފަރާތްތަކެއް ބައިވެރިވި ކުލަގަދަ ހަފުލާއެއްގައި، މަޝްހޫރު ފެޝަން ޑިޒައިނަރުން ކަމަށްވާ އަބޫ ޖާނީއާއި ސަންދީޕް ކޯޝްލާގެ ޑިޒައިން ކުންފުނީގެ 40 އަހަރު ފާހަގަކޮށްފިއެވެ. މި ޚާއްޞަ ހަފުލާގައި ބޮޑު ސަމާލުކަމެއް ހޯދައި، އެންމެ ފާހަގަކޮށްލެވުނު އެއް ތަރިއަކަށް ވެގެންދިޔައީ އަމީތާބް ބައްޗަންގެ ކާފަދަރިފުޅު ނަވްޔާ ނަވޭލީ ނަންދާއެވެ.
އިންޑިއާގެ ޒަމާނީ ގަހަނާތަކާއި ސަގާފީ ފެޝަނުން އިންސްޕަޔަރ ވެގެން ފަރުމާކޮށްފައިވާ، ރަނުން ޖަރީކޮށްފައިވާ ސަގާފީ މިނީ ހެދުމެއްގައި ނަވްޔާ ފެނިގެންދިޔައީ ވަރަށް ތަފާތު ލުކްއަކާއެކުއެވެ. އަބޫ ޖާނީ ސަންދީޕް ކޯޝްލާގެ މި ހެދުމުގައި ރަން ކުލައިގެ އެމްބްރޮއިޑަރީ، މެޓަލިކް ބީޑްސް، އަދި ފައިސާ ފޮތިފަދަ ތަކެތިން ހެދުން ޖަރީކޮށްފައި ވެއެވެ.







