ސުލޮވީނިއާއަށް ދިއުމުން ޔަހޫދީ ޚާރިޖީ ވަޒީރާ ދެކޮޅަށް ޖިނާއީ މައްސަލައެއް ހުށަހަޅައިފި

ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާ ގުޅިގެން، ޖެނޮސައިޑް ރެޖީމުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރާ ދެކޮޅަށް ސުލޮވީނިއާގެ ޕްރޮސެކިއުޓަރަށް ޖިނާއީ ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އިންސާނީ ހައްقުތަކަށް މަސައްކަތް ކުރާ ޖަމްޢިއްޔާއަކުން ބުނެފިއެވެ.

ހިންދު ރަޖަބް ފައުންޑޭޝަނުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވާގޮތުން، އެ ޖަމްޢިއްޔާއިން މި ޝަކުވާ ހުށަހަޅާފައި ވަނީ ސުލޮވީނިއާގެ ވެރިރަށް ލުބިލިއާނާގެ ޕްރޮސެކިއުޓަރުގެ އޮފީހަށެވެ.

މި މައްސަލަ ހުށަހަޅާފައި ވަނީ، ލުބްލިއާނާގައި ޖެނޮސައޑްް ރެޖީމުން އެމްބަސީއެއް ހުޅުވުމަށްޓަކައި މި ހަފުތާގެ ބުދަ އަދި ބުރާސްފަތި ދުވަހު ގިޑިއޯން ސާރ ސުލޮވީނިއާއަށް ކުރުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުގެ ކުރިންނެވެ. ބެލްޖިއަމް މައި މަރުކަޒު ހުންނަ ހިންދު ރަޖަބް ފައުންޑޭޝަނަކީ ބައިނަލްއަޤްވާމީ މައިދާންގައި ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ އަސްކަރީ ލީޑަރުންނާއި އިސްވެރިންނާއި ސިޔާސީ ފަންތީގައި ޖެނޮސައިޑަށް ހިތްވަރުދޭ މީހުން ޖަވާބުދާރީކުރުވުމަށް ޤާނޫނީ ފިޔަވަޅުތައް އަޅަމުން އަންނަ ޖަމްޢިއްޔާއެކެވެ.

ގިޑިއޯން ސާރ އަކީ އިސްރާއީލުގެ ސަލާމަތީ ކެބަނެޓުގެ މެންބަރެއްގެ ހައިސިއްޔަތުން، ޣައްޒާގެ އާންމުންނާއި މަދަނީ ބިނާތަކަށް އަމާޒުކޮށް ހިންގާ ޖެނޮސައީޑްގެ ނިޒާމީ ހަމަލާތަކުގެ ސިޔާސަތުތައް ރާވައި އަދި އެކަންކަމަށް އާންމުކޮށް ވަކާލާތުކުރާ މީހެއް ކަން ހިންދު ރަޖަބް ފައުންޑޭޝަންގެ ތަޙުޤީޤުން ހާމަވެފައިވެއެވެ. އަދި 2024 ވަނަ އަހަރުގެ އޮކްޓޯބަރު 8 އިން ޑިސެމްބަރު 27 އާ ދެމެދު އުތުރު ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލަށް ދިން ޖެނޮސައިޑް ހަމަލާތަކާއި، އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑޮކްޓަރު ހުސާމް އަބޫ ސަފިއްޔާ ޑިސެމްބަރު 27 ގައި ވަގަށް ނަގައި އޭނާއަށް އަނިޔާކޮށް ހެދުމުގެ މައްސަލައިގައި ސާރގެ މައްޗަށް ޖިނާއީ ދައުވާ އުފުލަންޖެހޭނެ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

މީގެ އިތުރުން، ޣައްޒާގައި ޔަހޫދީ ޒަޔަނިސްޓޫން ހިންގާ ބިން ހިފުމުގެ އިސްތިޢްމާރާއި، ނަސްލު ސާފުކޮށްލުމާއި މީހުން ކުއްލިގޮތަކަށް ގެދރުން ނެރެ ބޭރުކުރުމުގެ އިތުރުން، ކާބޯތަކެއްޗާއި ފެނާއި ބޭސްފަރުވާގެ ސާމާނު އެތެރެވުން މަނާކޮށް މީހުން ބަނޑަށް ޖެއްސުމާއި އިންސާނީ ކާރިސާއެއް އުފެއްދުމުގައި ސާރ އިސް ދައުރެއް އަދާކޮށްފައިވާ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ހުށަހެޅި ބަޔާންތަކުގައި ވެއެވެ.

އެމެރިކާގެ އަސްކަރީ ހިތްވަރު ދިނުމާއި އަދި ސިޔާސީ އެއްބާރުލުމާއެކު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 8 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖެނޮސައިޑް ހަނގުރާމައިގެ ސަބަބުން ފަލަސްޠީނުގެ 73,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 174,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އަދި ޔަހޫދީން ވަނީ ޣައްޒާގެ އަސާސީ އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ސުންނާފަތި ކޮށްފައެވެ.

ހިއްސާ ކުރައްވާ!