ޣައްޒާގެ ވާހަކަ ކިޔައިދޭން "ޣައްޒާ ސިނަމާ އެކެޑަމީ" އުފައްދައިފި

ހިފފައިވާ ފަލަސްޠީނުގައި ޔަހޫދީން ޖެނޮސައިޑް ހިންގާ ޣައްޒާގައި ތިބި މީހުންނަށް ސިނަމާގެ ޒަރީޢާއިން އެމީހުންގެ ވާހަކަތައް ދުނިޔެއަށް ކިޔައިދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ވެނިސް ސިނަމާ ފެސްޓިވަލްގެ ތެރެއިން "ޣައްޒާ ސިނަމާ އެކެޑަމީ" ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.

މި މަޝްރޫޢު އިޢުލާނުކޮށްފައިވަނީ ހޯމަ ދުވަހުއެވެ. މިކަމުގެ މަޤުޞަދަކީ ޣައްޒާގައި ތައުލީމާއި، ތަމްރީނާއި، އަދި ފިލްމު އުފެއްދުމުގެ ދާއިމީ މައިދާނެއް ފަހިކުރުމެވެ. މި އެކެޑަމީ އުފައްދާފައިވަނީ ފަލަސްޠީނުގެ މަޝްހޫރު ދެ ޑައިރެކްޓަރުން ކަމަށްވާ ޢިއްޒުއްދީން ޝަލްޙް އާއި މައިޙް އަލްމިޞްރީއެވެ.

ޣައްޒާގައި ދިރިއުޅުއްވާ ޑައިރެކްޓަރ އަދި އެކެޑެމިކް ބޭފުޅެއް ކަމަށްވާ ޢިއްޒުއްދީން ޝަލްޙްއަކީ ބައިނަލްއަޤުވާމީ ޤުދުސް ފިލްމު ފެސްޓިވަލާއި، ޣައްޒާގެ އަންހެނުންގެ ސިނަމާ ފެސްޓިވަލްގެ ބާނީ އަދި ރައީސެވެ. އޭނާ ފަލަސްޠީނުގެ މައްސަލައާއި އަންހެނުންގެ ޙައްޤުތަކާ ގުޅޭގޮތުން ގިނަ ޑޮކިއުމެންޓަރީ ފިލްމުތަކެއް އުފައްދަވާފައިވެއެވެ.

ޝަލްޙް "ޑެޑްލައިން" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ޣައްޒާގައި ސިނަމާއަކީ ހަމައެކަނި ފަންނީ ހުނަރެއް ނޫން ކަމަށާއި، އެއީ ހަނދާންތައް ޒަމާނަށް ދަމަހައްްޓައި ރައްކާތެރިކުރުމާއި، އަމިއްލަ ގައުމީ ސިފަ ބައްޓަންކުރުމުގެ ޙައްޤު އަންހެނުންނަށް ހޯދުމަށް އަދި ޒުވާން ޖީލުތަކަށް އެމީހުންގެ އަމިއްލަ ވާހަކަ ކިޔައިދިނުމަށް ލިބޭ މުހިންމު ވަސީލަތެއް ކަމަށެވެ.

މި އެކެޑަމީ އިޢުލާނުކުރުމާއެކު، ފިލްމު އުފެއްދުމުގެ ދާއިރާއަށް ނުކުތުމަށް ޝައުޤުވެރިވާ ޒުވާން އަންހެނުންތަކަކާއެކު ކްލާސްރޫމެއްގައި ޝަލްޙް ފެންނަ ކުރު ފިލްމެއް ވަނީ ދައްކާފައެވެ. މި މަޝްރޫޢަށް ފަލަސްޠީނުގެ ފިލްމީ ދާއިރާގެ މަޝްހޫރު ފަރާތްތަކުން ވަނީ ތާއީދު ކޮށްފައެވެ. އޭގެ ތެރޭގައި ޢަންމާރީ ޖާސިރު، ހުޔާމް ޢައްބާސް، ޞާލިޙް ބަކްރީގެ އިތުރުން މިސްރުގެ އެކްޓަރު އަދި ޑައިރެކްޓަރު ރާމީ ޔޫސުފާއި، މިއަހަރުގެ ވެނިސް ފެސްޓިވަލްގެ ޖަޖުންގެ ޕެނަލްގައި ހިމެނޭ ޓިއުނީސިއާގެ ޑައިރެކްޓަރު ކައުޘަރު ބިން ހަނިއްޔާ ހިމެނެއެވެ.

މި އެކެޑަމީ ރަސްމީކޮށް އުފެއްދުމަކީ 2024 ވަނަ އަހަރު ފެށި މަޝްރޫޢެއްގެ މުހިންމު މަރުޙަލާއެކެވެ. އެގޮތުން "ޣައްޒާ ފިލްމު މޭކިންގ ޑިޕްލޮމާ" ގެ ނަމުގައި ތޮއަރީކިޔަވައި ދިނުމާއެކު ޢަމަލީ ތަމްރީނު ހިމެނޭ ނުވަ މަހުގެ ޕްރޮގްރާމެއް ވަނީ އެކުލަވާލާފައެވެ. އަދި މިއަހަރުގެ މާރިޗު މަހު ވަނީ ފުރަތަމަ ބެޗުގައި 25 ޒުވާން އަންހެނުން ހިމަނައިގެން ކިޔަވައިދޭން ފަށާފައެވެ.

މީގެ އިތުރުން، ޣައްޒާގައި ސިނަމާގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެވޭނެ ދާއިމީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ޤުދުސް އޯޕަން ޔުނިވާސިޓީއާ ގުޅިގެން ޑިގްރީ ފެންވަރުގެ ކޯސްތަކެއް ތަރައްޤީކުރުމުގެ މަސައްކަތް ވެސް އެކެޑަމީން ދަނީ ކުރަމުންނެވެ.

ފަލަސްޠީނުގެ ސިނަމާގެ އެންމެ ކުރީ ސަފުގައި ހިމެނޭ މައިޙް އަލްމިޞްރީ ވިދާޅުވީ، ޣައްޒާގެ އައު ޖީލެއްގެ ފިލްމު އުފެއްދުންތެރިން ބިނާކުރުމަކީ އެމީހުންގެ ޙަޤީޤަތާއި، ހަނދާންތަކާއި އަދި އުންމީދުތައް ހިއްސާކުރުމަށް ލިބޭ ފުރުޞަތެއް ކަމަށެވެ. އަދި ފަންނުވެރިކަމާއި ސިނަމާއަކީ ރައްޔިތުން ބާރުވެރިކޮށް، އިންސާނީ ހަނދާންތައް ރައްކާތެރިކޮށް، ޔަހޫދީންގެ ހައްދުފަހަނައެޅުމާ ދެކޮޅަށް ފާލަންތަކެއް ބިނާކޮށްދޭނެ އެއްޗެއްކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފިލްމީ އިންސްޓިއުޓުތަކާއި ސަގާފީ މަރުކަޒުތަކާއި، ފެސްޓިވަލްތަކާއި އަދި ޕްރޮޑަކްޝަން ހައުސްތަކުން މި އެކެޑަމީއާ ބައިވެރިވުމަށާއި، ދަރިވަރުންނަށް ބޭނުންވާ ވަސީލަތްތަކާއި ފުރުޞަތުތައް ފަހިކޮށްދިނުމަށް ޝަލްޙް ވަނީ ގޮވާލައްވާފައެވެ.

ހިއްސާ ކުރައްވާ!