އިސްރާއީލުގެ ބާރުގެ ދަށުގައިވާ ޣައްޒާގެ ބައެއް ސަރަޙައްދުތަކަށް ޔަހޫދީޫން ބޮން އަލައި ހަލާކުކޮށްފައިވާ އިމާރާތްތަކުގެ ގައުކުނޑިތައް ނެގުމަކީ، ނަސްލު ނައްތާލުމަށް ހިންގި ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ޖަރީމާތަކުގެ ހެކިތައް ފޮހެލުމުގެ ނުރައްކާ އޮތް އަދި އިންސާނުންގެ ހަށިގަނޑުތަކުގެ ބައިތައް ހޯދައި ދެނެގަތުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ފަލަސްޠީނާ ބެހޭ އދ. ގެ މާހިރެއް ކަމަށްވާ ފްރަންޗެސްކާ އަލްބަނީޒް ހޯމަ ދުވަހު އިންޒާރު ދެއްވައިފިއެވެ.
ފަލަސްޠީނުގެ ސަރަޙައްދުތަކަށް ކަނޑައަޅާފައި ހުންނަވާ އދ. ގެ ޚާއްޞަ ރެޕަޓުއަރ އަލްބަނީޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، އިސްރާއީލުން "ޣައްޒާގެ އިމާރާތްތަކުގެ ގައުކުނޑިތައް ނަގައި، މުގުރައި، އަދި އެހެން ތަންތަނަށް ބަދަލުކުރުމުގެ" ސަބަބުން ނުކުމެދާނެ ނަތީޖާތައް "ވަރަށް ފުން" ކަމަށެވެ.
"ޣައްޒާގެ ގައުކުނޑިތަކުގެ ތެރޭގައި އިންސާނީ ހަށިގަނޑުތަކުގެ ބައިތަކާއި، ނަސްލު ނައްތާލުމުގެ ހެއްކާއި ބައިނަލްއަޤްވާމީ ޖަރީމާތަކުގެ ތުހުމަތުތައް ތަޙުޤީޤުކުރުމަށް ބޭނުންވާ މާއްދީ ހެކިތައް އެކުލެވިގެންވޭ،" ހަނގުރާމައިން ސުންނާފަތި ކޮށްފައިވާ ފަލަސްޠީނުގެ ޣައްޒާގެ ބިމުގައި 10،000 އަށް ވުރެ ގިނަ މީހުން އަދިވެސް އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައިވާ ކަމަށް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ކުރުމަށް އަލްބެނީޒް ވިދާޅުވިއެވެ.
2022 ވަނަ އަހަރު އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން އޭނާ މި މަޤާމަށް ޢައްޔަންކޮށްފައި ވެއެވެ.
އަލްބަނީޒް ވިދާޅުވީ، އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ މި ބިމުގައި "ގައުކުނޑިތަކަކީ ހަމައެކަނި ޢިމާރާތްކުރުމުގެ ކުންޏެއް ނޫން" ކަމަށެވެ.
"އެއީ ކުށުގެ ވެށީގެ ބައެއް، ޤަބުރުސްތާނެއް، އަދި ދެ އަހަރު ވަންދެން ދެމިގެންދިޔަ އަނިޔާވެރި އަދި އެއްވެސް މާނައެއް ނެތް ބޮންއެޅުމުގެ ކެމްޕޭނުގައި ހިނގައިދިޔަ ޖަރީމާ ދައްކުވައިދޭ މާއްދީ ރެކޯޑެއް." ކަމަށް ވިދާޅުވިއެވެ.
7 އޮކްޓޯބަރު 2023 ގައި ފެށި އިސްރާއީލުގެ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި، ފަލަސްތީނުގެ ބިމުގެ ބޮޑު ބައެއް ވަނީ ގައުކުނޑިތަކަކަށް ބަދަލުކޮށްފައެވެ. އަދި ހުއްޓުމެއްނެތި އިސްރާއީލުން ދެމުންދާ ބޮމުގެ ޙަމަލާތަކާއި އެއްގަމު މަގުން ކުރިއަށްގެންދާ ޢުދުވާނުގައި 73،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި މިދިޔަ އޮކްޓޯބަރު މަހު އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ ފަހުން ޝަހީދު ކޮށްފައިވާ 1،330 އަށް ވުރެ ގިނަ މީހުން ވެސް ހިމެނެއެވެ. އިސްރާއީލުން ޝަހީދުކޮށްލި ފަލަސްޠީނުގެ މީހުންގެ އަޣުލަބިއްޔަތަކީ އަންހެނުންނާއި ކުޑަކުދިންނެވެ.
ޣައްޒާގައި އިންސާނީ ހަށިގަނޑުތަކުގެ ބައިތައް ހޯދުމުގެ ފުރުޞަތަކީ ހަމައެކަނި ޚިޔާލީ ވާހަކައެއް ނޫން ކަމަށް އަލްބަނީޒް ތަކުރާރުކޮށް ވިދާޅުވިއެވެ. ނޮވެމްބަރު 2023 ގައި އިސްރާއީލުން ސުންނާފަތިކޮށްލި ޣައްޒާ ސިޓީގެ އިމާރާތްތަކުގެ ދަށުން ފެނުނު، އެއް ޢާއިލާއަކަށް ނިސްބަތްވާ ޢާންމުންގެ 112 މީހެއްގެ ހަށިގަނޑުގެ ބައިތައް މިދިޔަ މަހު ވަޅުލި ޙާދިސާއަށް އޭނާ އިޝާރާތް ކުރެއްވިއެވެ.
"އެ ޙަމަލާގައި ޝަހީދުވި އިތުރު 41 މީހެއްގެ ހަށިގަނޑުގެ އެއްވެސް ބައެއް މިހާތަނަށް ފެނިފައެއް ނުވޭ،" އޭނާގެ ބަޔާނުގައި ވެއެވެ.
ބައިނަލްއަޤްވާމީ ޖިނާއީ ތަޙުޤީޤު ކުރާ ފަރާތްތަކުން ހެކި އެއްކުރުމުގެ ކަންކަން ބެލެހެއްޓުމަށާއި، މިފަދަ ގައުކުނޑިތައް ނެގުމުގައި ބައިވެރިވާ ޤައުމުތަކާއި ކުންފުނިތަކުން ބައިނަލްއަޤްވާމީ ޖަރީމާތަކުގެ ހެކި ނައްތާލާ ފަރާތްތައް ކަމަށް ބަލަންވާނެ ކަމަށްވެސް އަލްބެނީޒް ވިދާޅުވިއެވެ.
އިސްރާއީލުގެ ޖެނޮސައިޑްގެ މައިގަނޑު ބައިވެރިއެއް ކަމަށްވާ އެމެރިކާއިން ވަނީ، ޣައްޒާއާ މެދު ވޮޝިންގޓަނުން ގެންގުޅޭ ސިޔާސަތަށް އަލްބަނީޒް ފާޑުވިދާޅުވުމާ ގުޅިގެން އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.







