ނޯވޭގައި އެމެރިކާގެ މިސައިލްތައް ބެހެއްޓުމަކީ ރަޝިޔާއަށް ނުރައްކާ ކުރުން

ނޯވޭގައި އެމެރިކާގެ މެދު ރާސްތާއާއި ކުރު ރާސްތާގެ މިސައިލް ނިޒާމުތައް ބެހެއްޓުމަކީ އުތުރު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ) ގެ "ހަމަނުޖެހުން އުފެއްދުމުގެ" ސިލްސިލާ ފިޔަވަޅުތަކުގެ ތެރެއިން ހިންގާ "ނުރައްކާތެރި ޢަމަލެއް" ކަމަށް ރަޝިޔާއިން ސިފަ ކޮށްފިއެވެ.

ކްރެމްލިންގެ ތަރުޖަމާނު ދިމިތުރީ ޕެސްކޯވް ވިދާޅުވީ، ނޯވޭގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަކީ "ރަޝިޔާއަށް ކުރިމަތިކުރުވާ އިންޒާރެއްގެ ގޮތުގައި ނޫނީ ނުބެލެވޭނެ" ކަމަށާއި، މި ކަމުގެ ސަބަބުން "މޮސްކޯއިން އިތުރު ސަލާމަތީ ފިޔަވަޅުތައް އަޅަންޖެހޭ" ކަމަށެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިޔާ ޒަޚާރޯވާ ވިދާޅުވީ، މެދު ރާސްތާއާއި ކުރު ރާސްތާގެ މިސައިލް ފޮނުވާލުމުގެ ޤާބިލުކަން ލިބިފައިވާ އެމެރިކާގެ ނިޒާމުތައް ޔޫރަޕްގައި ޤާއިމުކުރުމަކީ "ނޭޓޯއިން ހިންގާ ނުރައްކާތެރި ޢަމަލުތަކުގެ ސިލްސިލާގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެއް" ކަމަށެވެ.

އަދި އޭނާ ވިދާޅުވީ، ހުޅަނގުގެ ސަރަހައްދުން ފޮނުވާ މެދު ރާސްތާގެ މިސައިލްތައް އެ ސަރަޙައްދުގައި ބެހެއްޓުމުގެ ޢަމަލީ ރޭވުންތައް ނޭޓޯއިން ތަންފީޒުކުރަމުންދާއިރު، ރަޝިޔާގެ އެތެރެއަށް ހަމަލާދިނުމުގެ ޤާބިލުކަމެއް ހޯދުމުގެ ނިޔަތް އެ ފަރާތްތަކުން ފޮރުވަންވެސް ނުއުޅޭ ކަމަށެވެ. މީގެ އިތުރުން، އަސްކަރީ އަދި ވިޔަފާރީގެ މުހިންމު ކަނޑުގެ މަގުތަކުގެ މައްޗަށް ބާރުފޯރުވުމަށް އެ ސަރަޙައްދުގެ ކަނޑުގެ ސަރަޙައްދުތަކަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނޯވޭގައި ބަހައްޓާފައިވާ މެދު ރާސްތާއާއި ކުރު ރާސްތާގެ މިސައިލް ނިޒާމުތަކުގެ ސަބަބުން، މޮސްކޯ އާއެކު ރަޝިޔާގެ ޔޫރަޕްގެ ސަރަހައްދުގެ ބޮޑު ސަރަޙައްދަކަށް އޭގެ ނުރައްކާ ފޯރާކަމަށް ރަޝިޔާއިން ދެކޭ ކަމަށް ޒަޚާރޯވާ ފާހަގަކުރެއްވިއެވެ.

ނޯވޭގައި އެމެރިކާގެ މިސައިލް ނިޒާމުތައް ބަހައްޓާ ސަރަޙައްދުތަކަކީ "ރަޝިޔާގެ ސްޓްރެޓެޖީގެ ދިފާޢީ ބާރުތަކުގެ ޚާއްޞަ ސަމާލުކަމަށް އަންނާނެ" ތަންތަން ކަމަށް ޒަޚާރޯވާ ވިދާޅުވިއެވެ. އަދި މިފަދަ މިސައިލް ނިޒާމުތަކަކީ ނޭޓޯއިން ރަޝިޔާއާ ދެކޮޅަށް ހިންގާ ޢަދާވާތްތެރި ޢަމަލުތަކުގައި ސްޓްރެޓެޖީގެ މަޤުޞަދުތައް ހާސިލުކުރުމަށް ބޭނުންކުރެވިދާނެ ނިޒާމުތަކެއް ކަމަށާއި އެހެންކަމުން، މި ނިޒާމުތައް ނޯވޭގައި ބެހެއްޓުމަށް ނިންމި އެމެރިކާއާއި ނޯވޭގެ އިސްވެރިންނަށް މިއީ އަޖާއިބުވާން ޖެހޭ ކަމަށް ނުވާނެ ކަމަށް ވިދާޅުވިއެވެ. ރަޝިޔާގެ ސްޓްރެޓެޖީގެ ދިފާޢީ ބާރުތަކުގެ ރޭވުންތަކުގެ ދަށުން މިފަދަ ތަންތަނާއި އެ ތަންތަނުގެ ޢުމްރާނީ ވަސީލަތްތަކަކީ ކުރިމަތިވެދާނެ ހަނގުރާމައިގެ ޙާލަތްތަކުގައި ޚާއްޞަ އަމާޒުތަކަކަށް ވާނެ ކަންކަން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ހިއްސާ ކުރައްވާ!