ޔަހޫދީ ރެޖީމުން އަންނަ އޮކްޓޯބަރު މަހު ބާއްވާ ކެނެސެޓް އިންތިޚާބާ ދިމާކޮށް، ޣައްޒާގެ މަސްރަހާ މެދު އަމަލުކުރަމުންދަނީ ސުލްހަވެރިކަމަކާ ނުލައި އަދި "ބުއްދިވެރިކަމެއް ނެތް" ގޮތަކަށް ކަމަށް އެމެރިކާގެ ޚާއްސަ މަންދޫބު އަދި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބި ދަރި ޖެރެޑް ކުޝްނަރ ވިދާޅުވެއްޖެއެވެ.
ޔުކްރޭންގެ ވެރިރަށް ކިއޭވްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ކުޝްނަރ ވާހަކަ ދެއްކެވީ، ރަޝިޔާ-ޔުކްރޭން ހަނގުރާމަ ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެޤައުމުގެ ރައީސް ޒެލެންސްކީއާއި އެމެރިކާގެ އަނެއް މަންދޫބު ސްޓީވް ވިޓްކޮފްއާއެކު ބޭއްވެވި ބައްދަލުވުމަކަށް ފަހުގަ އެވެ.
ޣައްޒާގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ކުޝްނަރ ވިދާޅުވީ، ޣައްޒާގެ މައްސަލައިގައި އެމެރިކާއާއި ޔަހޫދީ ރެޖީމާ ދެމެދު އެއްބަސްވެވޭ އަމާޒުތަކެއް ހުރި ނަމަވެސް، އޮކްޓޯބަރު 27 ގައި އޮންނަ އިންތިޚާބާ ގުޅިގެން ޤައުމުގެ އެތެރޭގެ ސިޔާސީ މަސްރަހު ހަލަބުވެފައި އޮތް ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ އިސްރާއީލުގެ ބައެއް ސިޔާސީ މައްސަލަތައް ހައްލުކުރަން މަސައްކަތްކުރަމުން. ދެ ފަރާތުން ނިންމި ނިންމުމާ މެދު އަޅުގަނޑުމެންނާއެކު އެއްބަސްވެވޭ ކަމަށް ދެކެން. ނަމަވެސް އެމީހުން ތިބީ އިންތިޚާބެއްގައި، އެކަމުގެ ސަބަބުން ބައެއް ކަންކަމުގައި އެމީހުން އަމަލުކުރަނީ ބުއްދިވެރިކަމެއް ނެތި." ކުޝްނަރ ވިދާޅުވި އެވެ.
ޣައްޒާގެ ހަތިޔާރުއެޅި ޖަމާޢަތްތަކުން ހަތިޔާރު ބެހެއްޓުމަށް ޕީސް ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާ ޔަހޫދީ ރެޖީމުން ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައި ކުޝްނަރ މިފަދަ ޚިޔާލުތަކެއް ފާޅުކުރެއްވިއިރު، މިއީ އިސްރާއީލުގެ ސިފައިން ޣައްޒާއިން ފޭބުން ހިމެނޭ ރޭވުމެކެވެ.






