މަޖާޒީ ރަސްމިއްޔާތެއްގައި ފަލަސްޠީނު ސަރުކާރަށް ސަފީރު ޒުހުރީ ފަތްކޮޅު އަރުވައިފި

ފަލަސްޠީނުގެ ޙައްޤުތައް ހޯދައިދިނުމަށާއި އެ ޤައުމުގެ މިނިވަންކަމަށް ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު މެދުކެނޑުމެއްނެތި ދަމަހައްޓާނެ ކަމުގެ ޔަޤީންކަން، ދެއްވަމުން ފަލަސްޠީނަށް ރާއްޖެއިން ކަނޑައެޅުއްވި އައު ސަފީރު ޑރ. އިބްރާހީމް ޒުހުރީ މަގާމުގެ ފަތްކޮޅު އަރުވައިފިއެވެ. އައު ސަފީރުކަމުގެ ފަތްކޮޅު ފަލަސްޠީނު ސަރުކާރާ ރަސްމީކޮށް ޙަވާލުކުރެއްވުމަށް ބޭއްވެވީ މަޖާޒީ ރައްމިއްޔާތެކެވެ.

މަޖާޒީ ގޮތަކަށް ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ސަފީރު ޑރ. ޒުހުރީ ވަނީ އެމަނިކުފާނުގެ ފަތްކޮޅު ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ޑރ. ވާސެން އަޤަބެކިއަންއާ ރަސްމީކޮށް ޙަވާލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސަށާއި އެ ޤައުމުގެ ލޮބުވެތި ރައްޔިތުންނަށް ހެޔޮއެދުންތައް ރައްދުކުރައްވާފައެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ސަފީރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މި އެކުވެރިކަން އިތުރަށް ބަދަހިވެ، ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުގެ ގުޅުން އިތުރު އުސްމިންތަކަކަށް ވާސިލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މީގެ އިތުރުން، މެދުއިރުމަތީގެ މަސްރަހުގައި ފަލަސްޠީނު ރައްޔިތުން އުފުއްލަވަމުން ގެންދަވާ ތަކުލީފުތަކަށް އިޝާރާތްކުރައްވައި، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ. ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން ދެ ދައުލަތުގެ މައްޗަށް އެކުލެވޭ ޙައްލެއް ހޯދުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށް ވިދާޅުވިއެވެ.

ޚާއްޞަކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ކުރާ ތާއީދު ތަކުރާރުކުރެއްވިއެވެ. އަދި ފަލަސްޠީނު ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙައްޤުތަކާއި ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކުރެވެން ޖެހޭނެ ކަމަށްވެސް ޑރ. ޒުހުރީ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!