ޔަހޫދީން ގަނޑުކޮށް ގައުމު ދޫކޮށް ބޭރުވާން ފަށައިފި

ހީބްރޫ ނޫހެއް ކަމަށްވާ "ހާރެޓްޒް" އިން ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، 2023 އާއި 2025 އާ ދެމެދު އިސްރާއީލް ދޫކޮށް 1،370 ޑޮކްޓަރުން ވަނީ ފިލައިގެން ބޭރަށް ގޮސްފައެވެ. ސަރުކާރުގެ ތެލްއަވީވް ޔުނިވަރސިޓީން ތައްޔާރުކޮށްފައިވާ ދިރާސާއިން ހާމަވެފައި މިވަނީ، 27 އޮކްޓޯބަރު 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގެ ކުރިން އިސްރާއީލުގައި އުފެދިފައިވާ ނުތަނަވަސް މަސްރަޙުގެ ތެރޭގައި، ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ ދަތިކަމުގެ މައްސަލަ އިތުރަށް ގޯސްވެދާނެ ކަމަށް މާހިރުން އިންޒާރު ދެމުންދާ ދަނޑިވަޅެއްގައެވެ.

މި ދިރާސާގައި، ޤައުމު ދޫކޮށް ދިޔަ ޑޮކްޓަރުންގެ ގޮތުގައި ބަލާފައިވަނީ، ފުރައިގެން ދިޔަތާ ފުރަތަމަ އަހަރުގެ ތެރޭގައި އިސްރާއީލުން ބޭރުގައި 270 އަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ އަދި އޭގެ ފަހުން ވިދިވިދިގެން 3 މަހަށް ވުރެ ގިނަ ދުވަހު ޤައުމުގައި މަޑުނުކުރާ ޑޮކްޓަރުންނެވެ.

މި ދިރާސާ ތައްޔާރުކުރުމުގައި ބައިވެރިވި ޕްރޮފެސަރަކު ބުނި ގޮތުގައި، ސިޔާސީ އަދި ސަލާމަތީ ކަންކަން ނުރައްކާ ވުމުގެ ސަބަބުން ޔަހޫދީ ޤާބިލު މީހުން ޤައުމު ދޫކޮށް ހިނގައިދާނެ ކަމުގެ އިންޒާރު އިޤްތިޞާދީ މާހިރުން 2023 ވަނަ އަހަރުން ފެށިގެން ދެމުން ގެންދާ ކަމަށެވެ.

އޭނާ އިތުރަށް ތަފްޞީލުކޮށްދިން ގޮތުގައި، މި ކަންބޮޑުވުންތައް ފެށުނީ ޝަރުޢީ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ޔަހޫދީ ރެޖީމުން އެކުލަވައިލި ޕްލޭނާ ގުޅިގެންނެވެ. އަދި އޭގެ ފަހުން 7 އޮކްޓޯބަރު 2023 ގެ އަގްސާ ޓޫފާނުގެ ކާމިޔާބު ޙަމަލާއާއި، އޭގެ ފަހުން ފެށި ޖެނޮސައިޑް ހަނގުރާމައިގެ އިތުރުން، އިސްރާއީލުގެ މުޖުތަމަޢުގެ އެތެރޭގައި އުފެދުނު ބައިބައިވުންތައް ބޮޑުވުމުގެ ސަބަބުން މި ކަންބޮޑުވުންތައް ވަނީ އިތުރަށް ގޯސްވެފައެވެ.

މި ކަމުގެ އަސަރު ދެނެގަތުމަށްޓަކައި ދިރާސާވެރިން މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ޢުމުރުން 45 އަހަރުން މަތީގެ ޑޮކްޓަރުންނަށެވެ. އެއީ އެ މީހުންނަކީ ސްޕެޝަލިޓީ ތަމްރީނުތައް ފުރިހަމަކޮށް، އައު ޖީލުތަކުގެ ޑޮކްޓަރުން ތަމްރީނުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވާތީއެވެ.

ދިރާސާއިން ދައްކާ ގޮތުގައި، 2023 އާއި 2025 އާ ދެމެދު އިސްރާއީލް ދޫކޮށް ދިޔަ ކޮންމެ 5 ޑޮކްޓަރަކުން 1 ޑޮކްޓަރަކީ ޢުމުރުން 45 އަހަރުން މަތީގެ މީހެކެވެ. ދިރާސާގައި މިކަން ސިފަކޮށްފައިވަނީ "ކަންބޮޑުވާންޖެހޭ މިސްރާބެއް" ގެ ގޮތުގައެވެ.

ޚާއްޞަ ދާއިރާތަކަށް ބަލާއިރު؛ އީއެންޓީ ހަމުގެ ބަލިތައް އަދި ލޮލުގެ ޚާއްޞަ 116 ޑޮކްޓަރަކު ވަނީ ޤައުމު ދޫކޮށް ގޮސްފައެވެ. އެއީ މި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ %6.2 އެވެ. އަދި ޤައުމު ދޫކޮށް ދިޔަ 188 ސާޖަނުންނަކީ ޖުމްލަ ސާޖަނުންގެ ގާތްގަނޑަކަށް %6 އެވެ.

ޖޯގްރަފީ ގޮތުން ބަލާއިރު، އެންމެ މަތީ ނިސްބަތަކަށް ޑޮކްޓަރުން ފުރައިގެން ގޮސްފައިވަނީ ތެލްއަވީވް ސަރަޙައްދުންނެވެ. އެއީ އެ ސަރަޙައްދުގެ ޑޮކްޓަރުންގެ %5.4 އެވެ.

މި ނަތީޖާތައް ފެންމަތިވެފައި މިވަނީ އިސްރާއީލުގެ ފިނޭންސް މިނިސްޓްރީން ނެރުނު ރިޕޯޓަކާ ވެސް ދިމާކޮށެވެ. އެ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، ޢާންމު ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ގާތްގަނޑަކަށް %24 ކުރިއަށް އޮތް އަހަރުތަކުގައި ރިޓަޔަރމަންޓް ޢުމުރަށް އަރާނެއެވެ. އަދި މިހާރު މަސައްކަތްކުރާ ޑޮކްޓަރުންގެ ގާތްގަނޑަކަށް %25 އަކީ ރިޓަޔަރމަންޓް ޢުމުރު ފަހަނައަޅައި ގޮސްފައިވީ ނަމަވެސް، މުވައްޒަފުންގެ ދަތިކަމުގެ ސަބަބުން މަސައްކަތުގައި ދެމިތިބި މީހުންނެވެ.

ޕްރޮފެސަރު އީތަރ ބުނީ "ކަންބޮޑުވާންޖެހޭ ކަމަކީ މިހާރުގެ ޙާލަތަށް ވުރެ ބޮޑަށް، ބޭރުވުން އިތުރުވަމުންދާ މިސްރާބުން ދައްކުވައިދޭ ކަންތައްތައް" ކަމަށެވެ. އަދި މިގޮތުގައި ކުރިއަށްދާ ނަމަ، ކުރިއަށް އޮތް އާންމު އިންތިޚާބަށް ފަހު މި މައްސަލަ އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް އޭނާ ފާހަގަކުރެއެވެ.

މި މަޢުލޫމާތުތަކާ އެކު، ޔަހޫދީން ބޭރަށް ހިޖުރަކުރުމުގެ ދުވެލި އިތުރުވަމުންދާކަން ދައްކުވައިދޭ އެހެން ނިޝާންތައް ވެސް ދަނީ ފެންނަމުންނެވެ. އެގޮތުން، ތެލްއަވީވް ޔުނިވަރސިޓީން އޮގަސްޓް 2026 ގެ ކުރީކޮޅު ހެދި އެހެން ދިރާސާއަކުން ދައްކާ ގޮތުގައި، 2023 އާއި 2025 އާ ދެމެދު 268،509 ޔަހޫދީން ވަނީ މަދުވެގެން 3 މަސްދުވަހުގެ މުއްދަތަށް ޤައުމު ދޫކޮށް ބޭރަށް ގޮސް ބޭރުގައި އުޅެފައެވެ.

ޔަހޫދީ ރެޖީމްގެ ރިޕޯޓުތައް ބުނާ ގޮތުގައި ހިޖުރަކުރުން އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ ޖެނޮސައިޑް ހަނގުރާމައިގެ ނޭދެވޭ އަސަރުތަކާއި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، ޝަރުޢީ ދާއިރާގެ ބާރުތައް ކުޑަކުރުމަށް ސަރުކާރުން އެކުލަވައިލި ޕްލޭނާ ގުޅިފައިވާ ސިޔާސީ ކާރިޘާއެވެ.

އިސްރާއީލުގެ ބްރޯޑްކާސްޓިންގ އޮތޯރިޓީއަށްޓަކައި "ކަންޓާރ" އިންސްޓިޓިއުޓުން ހެދި ޚިޔާލު ހޯދުމުގެ ސާވޭއަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޔަހޫދީންގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި މީހުން ވަނީ ޤައުމު ދޫކޮށް ހިޖުރަކުރުމާ މެދު ވިސްނާފައެވެ. އަދި %12 މީހުން ބުނެފައިވަނީ ކުރިއަށް އޮތް އިންތިޚާބުގެ ނަތީޖާއަކީ ޤައުމުގައި މަޑުކުރުމާމެދު ނުވަތަ ފުރައިގެން ދިއުމާމެދު ގޮތެއް ނިންމުމަށް އަސަރު ފޯރާނެ ކަމެއް ކަމަށެވެ.

"އިސްރާއީލް ހަޔޯމް" ނޫހުން، ޓެކްސް އޮތޯރިޓީގެ އެތެރޭގެ ލިޔުމަކާ ޙަވާލާދީ ހާމަކުރި ގޮތުގައި، ތަނަވަސް މުއްސަދި ޔަހޫދީން ހިޖުރަކުރާ ނިސްބަތް 2019 އާއި 2024 އާ ދެމެދު ވަނީ ދެގުނަވެފައެވެ. އަދި އެ މީހުން ހިޖުރަކުރުމުގެ ސަބަބުން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީން އަހަރަކު ގެއްލޭ މިންވަރު ގާތްގަނޑަކަށް 500 މިލިއަން ޝެކެލް (ގާތްގަނޑަކަށް 166 މިލިއަން ޑޮލަރު) އިން، 2023 އަދި 2024 ވަނަ އަހަރު އަހަރަކު 1.2 ބިލިއަން ޝެކެލް (ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު) އަށް ވަނީ އުފުލިފައެވެ.

މި ބަދަލުތައް މިގޮތަށް އަންނަމުން މިދަނީ ޣައްޒާގެ ޖެނޮސައިޑް ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މި ޙަމަލާތަކުގައި ފަލަސްޠީނުގެ 73،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 174،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މީގެ އިތުރުން ޣައްޒާގެ ޢުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް %90 ވަނީ ސުންނާފަތިވެފައެވެ.

ހިއްސާ ކުރައްވާ!