އެމެރިކާގެ މިއާމީގައި ކާގޯ މަތިންދާބޯޓެއް ވެއްޓި 5 މީހުން މަރުވެއްޖެ

އެމެރިކާގެ މިއާމީ އިންޓަނޭޝަނަލް އެއާޕޯޓުގައި "އެމެޒޯން" ގްރޫޕުގެ ކާގޯ މަތިންދާބޯޓެއް ރަންވޭ މަތިން ކައްސާލައި، ގިނަ އުޅަނދުތަކެއްގައި ޖެހި އަލިފާން ރޯވުމުގެ ސަބަބުން އާދީއްތަ ދުވަހު ފަސް މީހުން މަރުވެ، އިތުރު ފަސް މީހުން ޒަޚަމްވެއްޖެ ކަމަށް އިދާރާތަކުން ބުނެފިއެވެ.

މި މަތިންދާބޯޓު ރަންވޭން ކައްސާލައިފައި ވަނީ ޕުއެޓޯ ރީކޯގެ ސަން ހުއާން އިން ފުރައިގެން އައިސް، އާދީއްތަ ދުވަހުގެ މެންދުރުފަހު ގާތްގަނޑަކަށް 2:00 ހާއިރުއެވެ.

މިއާމީގެ މޭޔަރު ޑެނީލާ ލެވިން ކާވާ އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، "ފަސް މީހަކު މަރުވެފައިވާ ކަމަށާއި، ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަން އަޅުގަނޑުމެންނަށް އެނގޭ. އޭގެ ތެރެއިން 3 މީހެއްގެ ހާލު ސީރިއަސް." ކަމަށެވެ.

މި ހާދިސާއާ ގުޅިގެން މިއާމީ-ޑޭޑް ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓުގެ 60 އަށް ވުރެ ގިނަ ޔުނިޓުން ހަރަކާތްތެރިވިއެވެ. އެ ޓީމުތަކަށް އެ ސަރަހައްދަށް ދެވުނުއިރު ބޯޓުގައި ވަނީ އަލިފާން ރޯވެފައެވެ. އަދި ޓީމުތަކުން ދިޔައީ އަލިފާން ނިއްވުމަށާއި ޒަޚަމްވި މީހުންގެ ހާލަތު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން ކަށަވަރުކޮށްދިން ގޮތުގައި، އެ ބޯޑުގެ ޗެއާޕާސަން ޖެނިފާ ހޯމެންޑީގެ އިސްނެންގެވުމުގެ ދަށުން، މި ހާދިސާ ތަހުގީގު ކުރުމަށްޓަކައި ޓީމެއް މިއާމީއަށް ފޮނުވާނެއެވެ.

އެމެޒޯންގެ ތަރުޖަމާނު ކެލީ ނެންޓެލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބުނީ، "ވީގޮތް ސީދާ ދެނެގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި އެ ސަރަހައްދުގެ އޮފިޝަލުންނާ ގުޅިގެން އަޅުގަނޑުމެން މިދަނީ ވަރަށް ގާތުން މަސައްކަތް ކުރަމުން. އަދި މިވަގުތު އަޅުގަނޑުމެން އެންމެ އިސްކަމެއް ދެނީ މި ހާދިސާއާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަމާއި، ދުޅަހެޔޮކަމާއި، އަދި އެފަރާތްތަކަށް އަޅާލުން ފޯރުކޮށްދިނުމަށް." ބުންޏެވެ.

ހިއްސާ ކުރައްވާ!