އެމެރިކާގެ ހަތިޔާރު ގުދަނުން ހަތިޔާރު ހުސްވި ކަމަށް ބުނެ ސިފައިން މީޑިއާއަށް މައުލޫމާތު ދިން މައްސަލާގެ ތަހުގީގަށް ސިފައިން ދޮގު ބަލާ މެޝިނަށް ލާން ފަށާފައެވެ.
އެމެރިކާގެ ޖޮއިންޓް ސްޓާފްގައި ހިމެނޭ ސިފައިންގެ 50 މެންބަރުން ޕޮލިގްރާފް މެޝިން މެދުވެރިކޮށް ޓެސްޓު ކޮށްފައި ވެއެވެ.
ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޓެސްޓުތަކުގައި ސިފައިންގެ އޮފިސަރުންނާ އެކު މަދަނީ މުވައްޒަފުން ވެސް ބައި ވެރިކޮށް އެމީހުންނާ އެކު ސުވާލުކޮށްފައި ވެއެވެ.
މި ޓެސްޓުތައް ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓު މަހުގެ ތެރޭގައެވެ. ތަޙުޤީޤާ ގުޅޭ މަޢުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ބުނެފައިވާ ގޮތުގައި، މި ފިޔަވަޅުގެ މައިގަނޑު މަޤުޞަދަކީ ސިއްރު މަޢުލޫމާތު ނޫސްވެރިންނަށް ހިއްސާކުރި ފަރާތްތައް ހޯދުން އެކަންޏެއް ނޫނެވެ. އަދި މުސްތުޤުބަލުގައި ވެސް އެފަދަ މަޢުލޫމާތު ހިއްސާކުރުން އެހެން މުވައްޒަފުންނަށް ވެސް ހުރަސް އެޅުމެވެ.
އެމެރިކާގެ ހަތިޔާރު ގުދަންތައް ހުސްވެފައިވާ ކަމަށް ރިޕޯޓު ކުރުމުން ތްރަމްޕްގެ ސަރުކާރު ބޮލާ ފޮށާ އެޅިގެން ޓްރަމްޕް އުޅެނީ އެކަމުން ސަލާމަތް ނުވެވިގެންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ ސިފައިންގެ ޖޮއިންޓް ސްޓާފްގެ ދަށުން 1,500 އާއި 2,000 އާ ދެމެދުގެ އަދަދަކަށް އޮފިސަރުންނާއި އޮފިޝަލުން މަސައްކަތްކުރެއެވެ.
މި ކަމަކީ ޒަމާނީ ތާރީޚުގައި އެމެރިކާގެ ސިފައިންގެ އިސް އޮފިސަރުންގެ މެދުގައި މިފަދަ ތަހުގީގެއް ހިންގައި ޕޮލިގްރާފް ޓެސްޓުތަކެއް ހންގި މަދު ފަހަރުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި މައްސަލައާ ގުޅިގެން ޕެންޓަގަންގެ ތަރުޖުމާނު ސީން ޕާނެލް ވިދާޅުވީ، ސިފާއީ ވުޒާރާގެ މުވައްޒަފުންނާއި ތަޙުޤީޤުތަކާ ގުޅޭގޮތުން ވަކި އެއްޗެއް އޭނާ މީޑިއާއަށް ހާމަނުކުރާނެ ކަމަށެވެ. ނަމަވެސް ޤައުމީ ސަލާމަތާބެހޭ ސިއްރު މަޢުލޫމާތު ފާއްދާ ލުމުގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާނެ ކަމަށެވެ.
ޓްރަމްޕް ވެސް ވަނީ މީޑިއާއިން މިފަދަ މަޢުލޫމާތުތައް ގެނެސްދިނުމާ މެދު ނުރުހުން ފާޅުކުރައްވައިފައެވެ. އަދި، ސިއްރުތައް ލީކުކުރާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވާފައި ވެއެވެ.






