އިންޑިއާގެ 275 މީހުން ނޭޕާލްގައި ގެއްލިފައި

ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ގެއްލިފައިވާ އިންޑިއާ މީހުންގެ އަދަދު 275 އަށް އަރާފައިވާ ކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ކަށަވަރުކޮށްދީފިއެވެ. ނިއުދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، ކާރިސާ ސަރަޙައްދުތަކުން މިހާތަނަށް އިންޑިއާ ގެ 169 މީހުން ސަލާމަތުން ޤައުމަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ނޭޕާލްގެ ކަމާބެހޭ އިދާރާތަކާއި ސިފައިން ގުޅިގެން ހިންގާ އިންސާނީ އެހީތެރިކަމާއި ސަލާމަތުގެ އޮޕްރޭޝަންތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ކާރިސާއިން އަރައިގަތުމަށްޓަކައި ނޭޕާލް ސަރުކާރަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން ވަނީ ފަށާފައެވެ. އެގޮތުން 21 ޓަނުގެ އެހީގެ ސާމާނު ހިފައިގެން އިންޑިއާގެ ދެ ބޯޓެއް ވަނީ މަޓުމަންޑޫއަށް ގޮސްފައެވެ.

މިއާއެކު ޖުމުލަ 95 ޓަނުގެ އެހީގެ ސާމާނު ހަތް ފުލައިޓެއްގައި މިހާތަނަށް ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން، 30 ޓަނަލް ރެސްކިއު އެކްސްޕާޓުންނާއި 19 ފޮރެންސިކް މާހިރުންގެ އިތުރުން ފަސް މެންބަރުންގެ މެޑިކަލް ޓީމަކާއެކު ޚާއްސަ 54 މުވައްޒަފުން ވަނީ ފޮނުވާފައެވެ.

ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތައް ވަޒަންކުރަމުންދާއިރު، ރަޝުވާ ސަރަޙައްދުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި:

  • 1294 މީހުން މަރުވެފައި
  • 5000 މީހުން ގެއްލިފައި
  • 13000 މީހުން ސަލާމަްތ ކޮށްފައި
  • 1900 އިންޑިއާ މީހުން އިންޑިއާއަށް ގެނަސްފައި ވެއެވެ.

އަދި ޓިބެޓް ސަރަޙައްދުގައި އެއްވެސް އިންޑިއާ ރައްޔިތަކު ތާށިވެފައި ނުވާ ކަމަށްވެސް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ކަށަވަރުކޮށްދީފައިވެއެވެ.

ހިއްސާ ކުރައްވާ!