އިންޑިއާގައި އާ ބުލެޓް ޓްރެއިން މަޝްރޫޢެއް އިޢުލާނުކޮށްފި: ދިއްލީއާއި ލަންކޫއާ ދެމެދުގެ ދަތުރު ދެ ގަޑިއިރަށް ކުޑަވެގެންދާނެ

އިންޑިއާގެ ވެރިރަށް ނިއުދިއްލީއާ، ޔޫޕީ އަދި ބިހާރުގެ މައި ސަރަޙައްދުތައް ގުޅުވައިދޭން ހުށަހަޅާފައިވާ އައު ހައި-ސްޕީޑް ބުލެޓް ޓްރެއިން މަޝްރޫޢުގެ ދަށުން، ނިއުދިއްލީން ފުރައިގެން ލަންކޫއަށް ދެވޭނީ ގާތގަނޑަކަށް ދެ ގަޑިއިރާއި 12 މިނެޓުގެ ތެރޭގައެވެ.

އުއްތަރު ޕްރަދޭޝް އާއި ބިހާރުގެ މުހިންމު ސަރަޙައްދުތައް ގުޅުވައިދޭ މި އައު ކޮރިޑޯގެ މަޝްރޫޢު ފަރުމާކޮށްފައިވަނީ ދަތުރުފަތުރުގެ ނިޒާމު ހަލުވިކޮށް، ވިޔަފާރިއާއި ފަތުރުވެރިކަމަށް އިތުރު ދިރުމެއް ގެނައުމުގެ ބޭނުމުގައެވެ. މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިންޑިއާގެ ރޭލު ވަޒީރު ވިދާޅުވީ، މި ޚިދުމަތް ފެށިގެންދިއުމާއެކު ނިއުދިއްލީން ފުރައިގެން ޕަޓްނާއާ ހަމައަށް ދަތުރުކުރުމަށް ނަގާނީ ގާތގަނޑަކަށް ހަތަރު ގަޑިއިރާއި ބައި ކަމަށެވެ. އަދި 200 ކިލޯމީޓަރުގެ ދުރުމިނެއްގައި އޮތް އާގަރާއަށް ދެވޭނީ އެންމެ 58 މިނެޓުންނެވެ.

މި މަޝްރޫޢުގެ ދަށުން 455 ކިލޯމީޓަރުގެ ދުރުމިނެއްގައިވާ ނިއުދިއްލީއާއި ކާންޕޫރާ ދެމެދުގެ ދަތުރު އެއް ގަޑިއިރާއި 50 މިނެޓުގެ ތެރޭގައި ނިންމާލެވޭނެއެވެ. މީގެ އިތުރުން 750 ކިލޯމީޓަރުގެ ދުރުމިނުގައި އޮތް އިލާހްއާބާދު/ ޕްރަޔާގްރާޖަށް ތިން ގަޑިއިރުގެ ތެރޭގައި ދެވޭނެއެވެ. އަދި 945 ކިލޯމީޓަރުގެ ދުރުމިނުގައިވާ ވަރާނަސީއަށް ދަތުރުކުރުމަށް ނަގާނީ ގާތގަނޑަކަށް ތިން ގަޑިއިރާއި 33 މިނެޓެވެ.

މިއީ މުމްބާއީއާއި އަހުމަދުއާބާދާ ދެމެދު ޤާއިމުކުރާ ފުރަތަމަ ހައި-ސްޕީޑް ރޭލު މަޝްރޫޢަށްފަހު، ޤައުމުގައި ހިންގުމަށް ހަމަޖެހިފައިވާ މިފަދަ ދެވަނަ ބޮޑު މަޝްރޫޢު ކަމަށް ވެއެވެ. މި މަޝްރޫޢުގެ ސަބަބުން ނިއުދިއްލީއާއި އުއްތަރު ޕްރަދޭޝް އަދި ބިހާރުގެ ސަރަޙައްދުތަކުގެ މެދުގައި ކުރެވޭ ދަތުރުތައް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.

ހިއްސާ ކުރައްވާ!