އެމެރިކާގެ އަސްކަރީ ވަސީލަތްތައް މަދުވަމުންދާ ކަމަށް ރިޕޯޓުކުރާ މީޑިއާއަކީ ޤައުމަށް ޚިޔާނާތްތެރިވާ ފަރާތްތަކެއް: ޓްރަމްޕް 

އެމެރިކާގެ އަސްކަރީ ވަސީލަތްތަކާއި ހަތިޔާރު މަދުވަމުންދާ ކަމަށް ބުނެ ޚަބަރު ފަތުރާ މީޑިއާއަކީ ޤައުމަށް ޚިޔާނާތްތެރިވަމުންދާ ފަރާތްތަކެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ހަތިޔާރު މަދުވަމުންދާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ޚަބަރުތައް ފަތުރަނީ އެމެރިކާ ހަނގުރާމައެއްގައި ނާކާމިޔާބުވާ މަންޒަރު ދެކުމަށް ބޭނުންވާތީ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

އަސްކަރީ ރިޒާވް ނުވަތަ ރައްކާކޮށްފައިވާ ހަތިޔާރުގެ މިންވަރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އަތުގައި މެދުފަންތީގެ އަދި އެންމެ މަތީ ފަންތީގެ ހަތިޔާރުގެ މިންވަރު އިންތިހާއަށް ގިނައިން އެބަ ހުރި ކަމަށެވެ. އަދި މިއީ މިފަދަ ހަނގުރާމައަކަށް ނުވަތަ ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ އެއްވެސް ހަނގުރާމައަކަށް ބޭނުންވާނެ މިންވަރަށްވުރެ މާ ގިނަ އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު ހަތިޔާރު އުފައްދާ މިންވަރު ކުރިން ދުވަހަކުވެސް ނުދެކޭހާ މައްޗަށް ގޮސްފައިވާ ކަމަށާއި، ކޮންމެފަދަ ނުރައްކާތެރި ހާލަތަކަށްވެސް ސިފައިން ތައްޔާރަށް ތިބިކަން ޓްރަމްޕް ފާހަގަކުރެއްވިއެވެ. އީރާނާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމައިގެ ތެރެއިން، ބޭރު ޤައުމުތަކަށް ހަތިޔާރު ވިއްކުން މިވަގުތު މަޑުޖައްސާލާފައިވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެކުވެރި ޤައުމުތަކަށް ހަތިޔާރު ވިއްކުން އަލުން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕަކީ ދެކޮޅު ނުޖެހޭ ސޭކު ވާހަކަ ދައްކައި ޕްރޮޕެގެންޑާ ކުރާ މީހެއްކަމަށް އާންމުން ގަބޫލު ކުރެއެވެ.

ހިއްސާ ކުރައްވާ!