އިންޑަސް ކޯރުގެ ފެނުގެ މުއާހަދާއާ މެދު އިންޑިއާއިން އަމަލުކުރަމުންދާ ގޮތާމެދު "ބިނާކުރުނިވި" މަޝްވަރާތަކެއް ކުރުމަށް ޕާކިސްތާނުން އެދެމުންދަނިކޮށް، ނެދަލޭންޑްސްގެ ހޭގްގައިވާ 'ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަން' އިން ނެރުނު ނިންމުން އިންޑިއާއިން ފުރިހަމައަށް ބަލައިނުގެން، އެ މުއާހަދާ ސަސްޕެންޑްކޮށްފައި އޮތް އޮތުން ދަމަހައްޓައިފިއެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ތާހިރު އަންދްރާބީ ވިދާޅުވީ، 1960 ވަނަ އަހަރު ސޮއިކުރި އިންޑަސް ކޯރުގެ ފެނުގެ މުއާހަދާ އަކުރުން އަކުރަށް ތަންފީޒުކުރުމަށް އިސްލާމްއާބާދުން އަބަދުވެސް އިލްތިމާސްކުރާ ކަމަށެވެ. އަދި އާބިޓްރޭޝަން ކޯޓުގެ ނިންމުން ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ÷ޕާކިސްތާނުން އަޅާނެ ކަމަށާއި، އިންޑިއާއިންވެސް އެ މަގު އިޚްތިޔާރުކުރުމަށް އޭނާ ގޮވާލެއްވިއެވެ.
ނަމަވެސް، އިންޑިއާގެ ޚާރިޖީ ވުޒާރާއިން ވަނީ ހޭގްގެ ކޯޓުން ނެރުނު ނިންމުމަކީ "ޣައިރުޤާނޫނީ" ގޮތެއްގައި އުފައްދާފައިވާ މަޖިލީހަކުން ނެރުނު ނިންމުމެއް ކަމަށް ބުނެ އެކަން ރައްދުކޮށްފައެވެ. އިންޑިއާއިން ބުނާ ގޮތުގައި، އެ ކޯޓު އެކުލަވާލާފައިވަނީ މުއާހަދާގެ އުސޫލުތަކާ ޚިލާފަށެވެ. އަދި އިންޑިއާގެ އަމިއްލަ ސިޔާދަތީ ނިންމުމެއްގެ މައްޗަށް ބަސްބުނުމުގެ އިޚްތިޞާޞެއް އެ ކޯޓަކަށް ލިބިގެން ނުވާ ކަމަށާއި، މުއާހަދާ ސަސްޕެންޑްކޮށްފައި އޮތް އޮތުން އެގޮތުގައި ދެމިއޮންނާނެ ކަމަށް ނިއުދިއްލީން ވަނީ ތަކުރާރުކޮށްފައެވެ.
މި މައްސަލައިގެ އަސަރު ކިރްގިސްތާނުގެ ބިޝްކެކްގައި ބޭއްވުނު 'ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން' (އެސްސީއޯ) ސަމިޓްގެ ތެރެއިންވެސް ވަނީ ފެނިފައެވެ.
ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ، ޓެރަރިޒަމަކީ ދައުލަތުގެ ސިޔާސަތެއްގެ ގޮތުގައި ބޭނުންކުރާ ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވެފައެވެ. މޯދީ ގޮވާލެއްވީ ޓެރަރިސްޓް ޖަމާއަތްތަކަށް ފައިސާ ފޯރުކޮށްދޭ ނެޓްވޯކްތަކާއި، ފަހިކޮށްދޭ މަގުތަކުގެ އިތުރުން އެފަދަ ފަރާތްތަކަށް ހިމާޔަތްދޭ މަރުކަޒުތައް ނައްތާލުމަށެވެ.
އަނެއްކޮޅުން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ފެނަކީ ސަރަހައްދުގެ "ދިރިއުޅުމުގެ މައިބަދަ" ކަމަށް ސިފަކުރައްވައި، ފެން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅަށް އިންޒާރު ދެއްވާފައެވެ. ޝެހްބާޒް ވިދާޅުވީ، ގައުމުތަކުގެ މެދުގައި ސޮއިކުރެވިފައިވާ ފެނުގެ މުއާހަދާތަކަކީ ބައިނަލްއަގުވާމީ ގޮތުން އިޙްތިރާމްކުރަންޖެހޭ އެއްބަސްވުންތަކެއް ކަމަށެވެ.
އިންޑިއާއިން އިންޑަސް ކޯރުގެ ފެނުގެ މުއާހަދާ ސަސްޕެންޑްކުރީ 2025 ވަނަ އަހަރުގެ އެޕްރީލް 22 ގައި ޕަހަލްގާމްގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންނެވެ. އެ ހަމަލާގައި 26 މީހުން މަރުވުމާ ގުޅިގެން، އިންޑިއާގެ ކެބިނެޓް ކޮމިޓީ އޮން ސެކިއުރިޓީން ވަނީ މުއާހަދާގެ ދަށުން އޮތް ހާލަތު މުޅިން ބަދަލުވެފައިވާ ކަމަށް ނިންމާފައެވެ.
އިންޑިއާއިން ބުނަމުންދަނީ، ހައްދުފަހަނައަޅާފައިވާ ގްރޫޕްތަކަށް ދޭ ތާއީދު ޕާކިސްތާނުން ހުއްޓާނުލާހައި ހިނދަކު، މި މުއާހަދާ ސަސްޕެންޑްކޮށްފައި އޮތް އޮތުން ނިމުމަކަށް ނުގެންނާނެ ކަމަށެވެ.





