އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޫރަ ކުރަހާފައިވާ ރަން ކުލައިގެ 1 ޑޮލަރުގެ ފައިސާފޮތި އެމެރިކާގެ "ޔޫއެސް މިންޓް" އިން އާންމުންނަށް ވިއްކަން ފަށައިފިއެވެ. ބުދަ ދުވަހު އާންމުކޮށް ވިއްކަން ފެށި މި ފައިސާ ފޮތިތަކުގެ އަގު އުޅެނީ ގަންނަ މިންވަރަކަށް ބަލައި 1.55 ޑޮލަރާއި 2.44 ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ.
މި ފައިސާފޮތިތައް ނެރޭނެކަން އެންމެ ފުރަތަމަ އިއުލާނުކުރީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ފައިސާފޮތީގެ އެއްފަރާތުގައި ޓްރަމްޕްގެ ފޮސް މޫނުގެ ސޫރައާއެކު "ލިބަރޓީ" "އިން ގޯޑް ވީ ޓްރަސްޓް" އަދި "1776 ~ 2026″ މި ލިޔުންތައް ވަނީ ހިމެނިފައެވެ. ފައިސާފޮތީގެ އަނެއްފަރާތުގައި ވަނީ އެމެރިކާގެ ރިޔާސީ ނިޝާނެވެ. އެއީ ޒައިތޫނި ގޮތްޕަކާއި ތީރުބޮނޑިއެއް ހިފައިގެންއިން ބާޒެކެވެ. މީގެއިތުރުން އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުން ރަމްޒުކޮށްދޭ "250″ މި އަދަދުވެސް އޭގައި ހިމެނެއެވެ.
އާންމުކޮށް ވަކިވަކިން ފައިސާފޮތި ގަންނަނަމަ އަގު އުޅެނީ 1.55 ޑޮލަރާއި 2.44 ޑޮލަރާ ދެމެދުގައި ކަމަށްވީ ނަމަވެސް، ގަނޑުކޮށް ގަންނަ ފަރާތްތަކަށް ޚާއްސަ އަގުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 25 ފައިސާފޮތީގެ ރޯލެއް 61 ޑޮލަރަށް ލިބޭއިރު، 100 ފައިސާފޮތީގެ ކޮތަޅެއް ވިއްކަނީ 154.50 ޑޮލަރަށެވެ.
އެމެރިކާގެ މާލީ ގަވާއިދުތައް އާންމުކޮށް އޮންނަ ގޮތުން، ދިރިހުރި އިންސާނެއްގެ ސޫރަ ފައިސާގައި ބޭނުންކުރުމަކީ މަނާކަމެކެވެ. ފައިސާގައި ހިމެނޭނީ މަރުވެފައިވާ މީހުންގެ ސޫރައެވެ. ނަމަވެސް ޓްރަމްޕް ބުނެފައިވަނީ، މި ފައިސާފޮތި ނެރެފައިވަނީ 2020 ވަނަ އަހަރު ފާސްކުރި ގާނޫނެއްގެ ދަށުން ކަމަށެވެ. އެއީ އެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ހާއްސަ ފައިސާފޮތި ނެރުމުގެ ހުއްދަދޭ ގާނޫނެކެވެ.
މި ފައިސާފޮއްޗަކީ ގާނޫނީ ގޮތުން އާންމު ވިޔަފާރިތަކުގައި ބޭނުންކުރެވޭނެ ސައްހަ ފައިސާ ކަމަށް މިންޓުން ބުނެއެވެ. ނަމަވެސް، އެ އިދާރާއިން ބޮޑަށް ބާރުއަޅަނީ މިއީ ރައްކާކުރާ ތާރީޚީ އެއްޗެއްގެ ގޮތުގައި ބޭނުންކުރުމަށެވެ.
މިންޓުން މި ފައިސާފޮތި ސިފަކޮށްފައިވަނީ "ގައުމީ މުހިންމު ތާރީޚީ މުނާސަބާއެއް ފާހަގަކުރުމަށް އުފެއްދި، އާންމު ފައިސާފޮތީގެ އުސޫލުތަކާ އެއްގޮތަށް ބޭނުންކުރެވޭ، ނަމަވެސް އެއް ޖީލުން އެއްޖީލަށް އެއްކޮށް ރައްކާކުރާ ފަރާތްތަކަށް ހާއްސަ ފައިސާ" ގެ ގޮތުގައެވެ.
މީހުންނަށް އޮޅުވާލުމަށް މި ފައިސާ ފޮތީ ރަން ކުލަ ހިމަނާފައި ވެއެވެ،. ނަމަވެސް، މި ފައިސާފޮތީގައި އެއްވެސް ވަރަކަށް ރަން ހިމެނިފައެއް ނުވެއެވެ. މިއީ މައިގަނޑު ގޮތެއްގައި ލޮއެ ބޭނުންކޮށްގެން ހަދާފައިވާ ފައިސާ ފޮއްޗެވެ. މީގެ ތެރޭގައި ހިމެނެނީ 6 އިންސައްތަ ޒިންކު، 3.5 އިންސައްތަ މެންގަނީޒް އަދި 2 އިންސައްތަ ނިކެލްއެވެ.






