ރަޝިޔާ އާއި ޔުކްރޭންގެ ހަނގުރާމަ ހައްލުވާނީ ވާހަކަދެއްކުމުން ކަމަށް އިންޑިއާ ބުނެފި

ރަޝިޔާއިން ތެޔޮ ގަންނަ ޤައުމުތަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، އެ ހަނގުރާމަ ހައްލުކުރެވޭނީ ހަމައެކަނި ޑިޕްލޮމެޓިކް މަޝްވަރާތަކުން ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޔުކްރޭންގެ ވެރިރަށް ކިއޭވްއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، ފަސްވަނަ އަހަރަކަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމަ ހުއްޓުވުމަކަށް ގެނެވޭނީ ކޮންމެވެސް ބަޔަކު ތެލާއި، މައުދަނާއި، ނުވަތަ ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ގަތުން ހުއްޓާލައިގެން ނޫން ކަމަށެވެ. އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ރަޝިޔާގެ ތެލުގެ ވިޔަފާރިއަށް އަމާޒުކޮށް ފިޔަވަޅުތައް އެޅުމާ މެދު ސުވާލުކުރުމުން، އޭނާ ވިދާޅުވީ މިފަދަ ބޮޑު މައްސަލައަކަށް ދާއިމީ ހައްލެއް ގެނެވޭނީ ހަމައެކަނި ވާހަކަދެއްކުމާއި، ޑިޕްލޮމަސީ އަދި މަޝްވަރާތަކުގެ ތެރެއިން ކަމަށާއި އިންޑިއާއިން އަބަދުވެސް ބާރުއަޅަނީ އެ ސްޓްރެޓީޖީއަށް ކަމަށެވެ.

އިންޑިއާގެ ހަކަތައިގެ ބޭނުންތައް ފުއްދުމުގައި ޤައުމީ މަސްލަޙަތަށް އިސްކަންދޭ ކަމަށާއި، ރައްކާތެރިކަމާއެކު ހެޔޮ އަގެއްގައި ހަކަތަ ފޯރުކޮށްދިނުން ކަށަވަރުކުރުމަކީ އެ ޤައުމުގެ ސިޔާސަތު ކަމަށް ވެސް ޖައިޝަންކަރު ފާހަގަކުރެއްވިއެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުމާ ގޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ވިޔަފާރިއަށް ބައެއް ހުރަސްތަކާއި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް، ބޭސްވެރިކަމާއި، ދަނޑުވެރިކަމާއި، ވިޔަފާރީގެ އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ހީނަރުނުވެ، ބަދަހިކަންމަތީ ދަމަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޔުކްރޭނުގައި ކިޔަވަމުންދާ އިންޑިއާގެ ދަރިވަރުންނަށް އެ ޤައުމުގެ ސަރުކާރުން ދެމުންދާ އެއްބާރުލުމަށް ޖައިޝަންކަރު ވަނީ ޝުކުރުއަދާކުރައްވާފައެވެ. ބައިނަލްއަޤުވާމީ މަސްރަހު މި ވަގުތު އޮތް ނުތަނަވަސް ޙާލަތުގައި، އިންޑިއާއިން ދަނީ ރަޝިޔާއާއި ޔުކްރޭނާ ދެމެދު އޮތް ހަމަނުޖެހުންތައް ސުލްޙަވެރިކަމާއެކު ނިންމުމަށް ބާރުއަޅަމުންނެވެ.

ހިއްސާ ކުރައްވާ!