ހަތިޔާރު މަދު ނުވާކަން ދެއްކުމަށް ސައޫދީއަށް 5 ބިލިއަން ޑޮލަރުގެ ބޮން ވިއްކަނީ

އެމެރިކާއާއި އިސްރާޢީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން މަދުވެފައިވާ ހަތިޔާރާ ގުޅިގެން އެމެރިކާއަށް ލިބިފައިވާ ހުތުރު ނަމުން ސަލާމތް ވުމަށްޓަކައި ސައުދީއަށް 5 ބިލިއަން ޑޮލަރުގެ ބޮމާއި އެހެނިހެން އަސްކަރީ ސާމާނު ވިއްކުމަށް އެމެރިކާ ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ހާމަކޮށްފައިވަނީ ހުކުރު ދުވަހު އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ރަސްމީ ބަޔާނެއްގައެވެ.

މި ވިޔަފާރީގެ ދަށުން ސަޢުދީ ޢަރަބިއްޔާއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ބޮމާއި، ވައިގެ މަގުން އަމާޒަށް ވާސިލުވުމަށް އެހީވެދޭ ކިޓްތަކުގެ އިތުރުން ޒަމާނީ އެހެނިހެން ވަސީލަތްތަކެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނިގޮތުގައި، މި ހަތިޔާރުތައް ވިއްކުމުގެ މައިގަނޑު މަޤްޞަދަކީ ސަޢުދީ ޢަރަބިއްޔާގެ ވައިގެ ދިފާޢީ ޤާބިލުކަން އިތުރުކޮށް، މިހަރަކާތްތެރިވަމުންދާ ސަރަޙައްދީ ނުރައްކާތަކުން އެ ޤައުމު ރައްކާތެރިކުރުމެވެ. އަދި އެމެރިކާ ސިފައިންނާއި ގަލްފުގެ އެހެން ބައިވެރިންގެ ނިޒާމުތަކާ އެކު އެއްގޮތަކަށް މަސައްކަތްކުރުމުގެ ޤާބިލުކަން ހަރުދަނާކުރުމަށް މިކަމުން ބާރުލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

އެމެރިކާއިން މިކަން އިއުލާން ކުރިނަމަވެސް ހަގީގަތުގައި މިތަކެތި ސައޫދީއަށް ލިބުމަށް އެތައް އަހަރެއް ނަގާނެއެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހަށް މި ހަތިޔާރު ވިއްކުމުގެ މައްސަލަ މިހާރު ވަނީ ހުށަހަޅާފައެވެ. އަދި މިކަމަށް މަޖިލީހުގެ ފާސްކުރުން ލިބެންޖެހޭނެއެވެ. އެކަމަށްވެސް އެތައް އަހަރެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ނޭޓޯގެ މެންބަރު ޤައުމުތަކުގެ ބޭރުން އެމެރިކާގެ އެންމެ މުހިންމު އެއް އެކުވެރިޔާގެ ގޮތުގައި އޮތް ސަޢުދީ ޢަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ލަނޑުދަނޑިތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ.

ހިއްސާ ކުރައްވާ!