މެދު އިރުމަތީގައި ނުހޮރޮއްޕާން ކޮށް އީރާނަށް ސޮލީބީ ހަމަލަތައް ދެމުން ދާއިރު އީރާނުން އެމެރިކާއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުން ނަރަކައިގެ އެންމެ ފުނުގައި ބޮނދައި އޮތަސް ސަލާމަތެއް ނެތް ކަމަށް ބުނެ އީރާނުން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
އީރާންގެ މަސްއޫލުވެރިން ވިދާޅުވަނީ އެމެރިކާގެ ނުހޮރޮއްޕާން ކުރުން މިހާރު އިންތިހާއަށް ގޮސްފައިވާ ކަމަށާއި މިކަމުން ސަމާލަތް ވުމަށްޓަކައި ޚާއްޞަ އަދި ވަރުގަދަ އައު ސްޓްރެޓީޖީއެއް ތަންފީޒުކުރަން ފަށާފައިވާކަމަށެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙްސިން ރިޒާއީ މީސް މީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެމެރިކާއިން ހިންގާ ދެއުޅި އެއްނުވާ ޢަމަލުތަކުގެ ސަބަބުން އެ ޤައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްވުމަށް ކުރާ މަސައްކަތްތައް ނާކާމިޔާބުވާނެ ކަމަށެވެ. އަދި އީރާނުން މިހާރު ގެންގުޅޭ ސްޓްރެޓީޖީގެ ދަށުން، ޑިޕޮލޮމެސީގެ މައިދާނުގައާއި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުން އެމެރިކާގެ ބިންގާ ގުޑުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަނީ ދޭތެރޭން ދޮގު ވާހަކަ ފަތުރައި އީރާނާ ދެކޮޅަށް ޕްރޮޕެގެންޑާ ކުރަމުންނެވެ. އަދި އެމެރިކާގެ މީޑިއާއިން ބުނަނީ އެމެރިކާގެ ބަޑި ގުދަނުގައި ހަތިޔާރު މިހާރު މަދުވެފައިވާތީ އަސްކަރީ ބާރު އައްްސިވެފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާ އިން ދަނީ އެކަން ފޮރުވުމަށްޓަކައި ބޮޑު ބަސްބުނެ އީރާނަށް ހަމަލަ ދެމުންނެވެ.
ކުރިން އިރާގާއި އަފްޣާނިސްތާންގައި ކައިވެނި ހަފްލާތަކަށް ބޮން އެޅި ގޮތަށް އީރާންގެ ކައިވެނި ހަފްލާއަކަށްވެސް އެމެރިކާއިން ބޮން އަޅާފައި ވެއެވެ. އީރާނުން ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ސިފަ ކުރި މި ޖަރީމާ ނުހިންގާ ކަމަށް ބުނުމަށްފަހު މިހާރު ވަނީ މި މައްސަލަ ބަލަން ފަށފައިވާ ކަމަށް ބުނެފައެވެ.







