ނިއުޔޯކް ސިޓީގެ ޕަބްލިކް ސްކޫލްތަކުގެ ގްރޭޑްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކުރުން އެއް އަހަރު ދުވަހުގެ މުއްދަތަކަށް މަނާކޮށްފިއެވެ. މިއީ ކްލާސްރޫމްތަކުގައި އާ ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭގޮތުން ޤަވާއިދުތަކެއް އެކުލަވާލުމަށް ސަރުކާރުގެ އިސް އޮފިޝަލުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުގެ ފިޔަވަޅެވެ.
އެމެރިކާގެ އެންމެ ބޮޑު ސްކޫލް ޑިސްޓްރިކްޓުން ނިންމި މި ނިންމުމަކީ މިފަދަ ކަންކަމުގައި މިހާތަނަށް އެ ޤައުމުގައި އެޅުނު އެންމެ ހަރުކަށި ފިޔަވަޅެވެ. ނަމަވެސް ލޮސް އެންޖެލިސް ފަދަ އެހެނިހެން ޑިސްޓްރިކްޓުތަކުން ވެސް އޭއައި ސިޔާސަތުތައް އަލުން ދިރާސާކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.
ނިއުޔޯކް ސިޓީގެ މޭޔަރ ޒުހުރާން މަމްދާނީ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ސިޓީގެ ކްލާސްރޫމްތަކުގައި މިހާރު ބޭނުންކުރަމުންދާ ތަޢުލީމީ 40 ވަރަކަށް އޭއައި ވަސީލަތް ބޭނުންކުރުން ވަގުތީގޮތުން ހުއްޓާލާނެ ކަމަށެވެ.
"ކުދިންނަށް ކިޔަވައިދީ ކުރިއެރުމަށް މުދައްރިސުންނާއި އިންސާނީ ގުޅުން ބޭނުންވޭ. އެކުދިން އެހެން ކުދިންނާ އެކު ހުނަރުތައް ތަރައްޤީކޮށް، މުދައްރިސުންނާ ގުޅުން އުފައްދައި، އަމިއްލައަށް ދަތި މައްސަލަތަކާ ކުރިމަތިލާންޖެހޭ،" ނޫސްވެރިންގެ ބައްދަލުވުމުގައި މަމްދާނީ ވިދާޅުވިއެވެ.
މި ސިޔާސަތުގެ ސަބަބުން މިޑްލް ސްކޫލާ ހަމައަށް ތަޢުލީމު ހާސިލުކުރަމުންދާ ގާތގަނޑަކަށް 6 ލައްކަ ދަރިވަރުންނަށް އަސަރުކުރާނެއެވެ. ނަމަވެސް ހައި ސްކޫލް ދަރިވަރުންނަށް ބައެއް ޙާލަތްތަކުގައި އޭއައި ބޭނުންކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. މީގެ އިތުރުން މުދައްރިސުންނަށް ފިލާވަޅު ރޭވުމާއި ޓައިމްޓޭބަލް ހެދުން ފަދަ ކަންކަމަށް އޭއައި ބޭނުންކުރުމުގެ ހުއްދަ ދޭނެ ކަމަށް ސިޓީގެ އިދާރާއިން ނެރުނު ބަޔާނުގައި ވެއެވެ.
މީގެ ކުރިން 2022 ވަނަ އަހަރު ޗެޓްޖީޕީޓީ ތަޢާރަފުކުރުމާއެކު ނިއުޔޯކް ސިޓީގެ ޕަބްލިކް ސްކޫލްތަކުން ވަނީ ވަގުތީގޮތުން އެ ޚިދުމަތް މަނާކޮށްފައެވެ. ފަހުން އެ މަނާކުރުން އުވާލައި، މައިކްރޮސޮފްޓްގެ ހިއްސާ އޮންނަ އޯޕަންއައިގެ އެހީތެރިކަމާއެކު ޚާއްސަ އޭއައި އެހީތެރިއެއް ތަޢާރަފުކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ގޫގުލް، އެންތްރޮޕިކް، އަދި މައިކްރޮސޮފްޓް ފަދަ އޭއައި އުފައްދާ ބޮޑެތި ކުންފުނިތަކުން ވަގުތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޑިޖިޓަލް ޒަމާނުގައި ތަޢުލީމީ މައިދާނަށް މިފަދަ ޓެކްނޮލޮޖީތައް ތަޢާރަފުކުރުމުގައި ގެންގުޅެންޖެހޭ އުޞޫލުތަކާ މެދު މިހާރު ދަނީ ބައިނަލްއަޤުވާމީ މައިދާނުގައި ވެސް ފުޅާދާއިރާއެއްގައި ވާހަކަދެކެވެމުންނެވެ.







