އެމެރިކާގެ ސިޔާސީ މަސްރަހުގައި މިހާރު ކަންކަން ހިނގަމުންދާގޮތާ ހިން ހަމަނުޖެހިގެން މަޝްހޫރު ފިލިމީ ތަރި ޖޯރޖް ކުލޫނީ ޓްރަމްޕް ސަރުކާރަށް ފާޑު ކިޔައިފިއެވެ. އޭނާ ބުނިގޮތުގައި، އެމެރިކާގެ އެންމެ މަތީ މަޤާމުތަކުގައި މިވަގުތު ތިއްބެވީ އެ މަޤާމުތަކަށް އެންމެ ޤާބިލުކަން ކުޑަ އަދި އެކަމަށް އެންމެ އެކަށީގެން ނުވާ ފަރާތްތައް ކަމަށެވެ. މި ކަމުގެ ސަބަބުން އެމެރިކާ ދަތުރުކުރަމުންދަނީ ވަރަށް ނުރައްކާތެރި އަދި ހިތާމަވެރި މިސްރާބަކަށް ކަމަށް އޭނާ ފާހަގަކުރިއެވެ.
އޭނާ އިޝާރާތް ކޮށްފައި ވަނީ އުމުރު ހަމަނުވާ ކުދިން ހޯދައި ދިނުމުގައި އުޅުނު އެޕްޓީސްއާ ގާތް ގުޅުމެއް ޓްރަމްޕް ބެއްވި ކަމަށް ކަމެއް ނުވަތަ އެތައް ދޮޅަސް އަންހެނުން ރޭޕްކޮށްގެން ތްރަމްޕް ކުށްވެރި ކޮށްފައިވާ މައްސަލައަށް ކަމެއް ސާފެއް ނުވެއެވެ.
ފިލްމީ ދާއިރާގެ އިތުރުން އިޖުތިމާޢީ އަދި ސިޔާސީ ކަންކަމުގައި އަޑުއުފުލާ ކުލޫނީ މި ގޮތަށް ވާހަކަ ދައްކާފައި ވަނީ ދާދި ފަހުން ބޭއްވި ޙަފްލާއެއްގައެވެ. އޭނާ ފާހަގަކުރި ގޮތުގައި، މިއަދުގެ ސިޔާސީ ނިޒާމުގެ ތެރެއިން ޤައުމު ހިންގުމާ ހަވާލުވަމުންދަނީ ޚިދުމަތް ކުރުމުގެ ރޫޙެއް ނެތް އަދި އެކަށީގެންވާ ތަޢުލީމާއި ގާބިލު ތަޖުރިބާ ހުރި ފަރާތްތަކެއް ނޫނެވެ. މިއީ މުޅި ޤައުމުގެ ކުރިމަގަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި އެމެިކާ ސަރުކާރު ހިންގަނީ އަމިއްލަ ވިޔަފާރިއެއް ހިނގާފަދައިންނެވެ. އަދި ކޮރަޕްޝަން ވަނީ ސަރުކާރުގައި ގަދައަށް މޫލާފައެވެ.
ކުލޫނީގެ މި ފާޑުކިޔުންތަކާ ގުޅިގެން ސިޔާސީ މާހިރުން ބުނަނީ މަޝްހޫރު ފަންނާނުން މިފަދަ ބަސްތައް ބުނުމުން އާންމުންގެ މެދުގައި ސިޔާސީ ހޭލުންތެރިކަން އިތުރުވެ، ވެރިން ޖަވާބުދާރީކުރުވުމަށް މިކަން ބާރަކަށް ވާނެ ކަމަށެވެ. ޚާއްސަކޮށް އެމެރިކާގެ މުސްތަޤުބަލާ މެދު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި، ނުފޫޒުގަދަ ފަރާތްތަކުން މިފަދަ ޚިޔާލުތައް ފާޅުކުރުމަކީ މުޖުތަމަޢުގައި ބަހުސްތަކެއް އުފެދިގެންދާނެ ކަމެއް ކަމަށް ބުނެއެވެ.
ކުލޫނީ އިތުރަށް ބުނެފައި ވަނީ، ޤައުމު މިހާރު ވެއްޓިފައިވާ ހާލަތުން އަރުވައިގަތުމަށްޓަކައި ޤާބިލު އަދި ތެދުވެރި ލީޑަރުން ކުރިއަށް ނުކުންނަންޖެހޭ ކަމަށެވެ. އަދި އާންމު ރައްޔިތުންވެސް ވޯޓުދިނުމާއި ސިޔާސީ ކަންކަމުގައި ބައިވެރިވުމުގައި ސަމާލުވުމަށް އޭނާ ގޮވާލިއެވެ.







