އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ޒަޔަނިސްޓު ވިހި މެންބަރުން ހިމެނޭ އިސް ވަފްދެއް ޔަހޫދީން ހިފާފައިވާ ހުޅަނގު އައްސޭރީގެ އުތުރުގައި ބިނާ ކޮށްފައިވާ ޔަހޫދީ އާބާދީތަކަށް ޒިޔާރަތް ކޮށް ފަލަސްޔީނުގެ އިތުރު ބިންތައް ހިފުމަށް ހިތްވަރު ދީފިއެވެ. އަދި އެމީހުން ވަނީ ޔަހޫދީ ޓެރަރިސްޓުންނާއި އެމީހުންގެ އާބާދީތަކާ ދެކޮޅަށް ފިޔަވަޅު އަޅާ ގައުމުތަކާ ދެކޮޅަށް އެމެރިކާއިން އިގްތިސާދީ ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށްވެސް ގޮވާލާފައެވެ.
އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ޤައުމީ ޖަމްޢިއްޔާގެ ފައުންޑަރު އަދި ރައީސް ޖޭސަން ރަފަރލް ވިދާޅުވީ، އިސްރާއީލާ ދެކޮޅަށް، ޚާއްޞަކޮށް ހުޅަނގު އައްސޭރިގެ ޔަހޫދީންނާ ދެކޮޅަށް ހިންގާ އިޤްތިޞާދީ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން މަސައްކަތްކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ތިބީ ޔަހޫދީންނާ އެކުގައި. އަދި އަޅުގަނޑުމެން އެކުގައި ކާމިޔާބީ ހޯދާނަން،" ރަފަރލް ވިދާޅުވިއެވެ.
އެެމރިކާގެ ގާނޫނީ ހަދާ މަޖިލީހުގައި ޔަހޫދީންނަށް ގުލާނުކޮށްދޭ މި މެމްބަރުންގެ ދަތރާ ދިމާވެފައި ވަނީ، ޑިމޮކްރެޓިކް އަދި ޖުމްހޫރީ ޕާޓީގެ އިސް ފަރާތުން ވެސް ހިފާފައިވާ ހުޅަނގު އައްސޭރީގައި ޖެނޮސައިޑް ރެޖީމުން ހިންގާ ސިޔާސަތުތަކަށް ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި އަޔަރލެންޑާއި ސްޕެއިން ފަދަ ޤައުމުތަކުން ޔަހޫދީ އާބާދީތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީފައިވާ ވަގުތެއްގައެވެ.
މި ވަފުދަށް މަރުޙަބާ ކިޔަމުން ޔަހޫދީ ޓެރަރިސްޓުންގެ ރައީސްބުނީ ޔަހޫދީ އާބާދީތަކުގެ ޙާލަތާއި ބެހޭގޮތުން އެމެރިކާގެ މެންބަރުންނަށް މަޢުލޫމާތު ލިބިގެންދާނެ ކަމަށެވެ. އަދި ހުޅަނގު އައްސޭރިއާއި ޣައްޒާއަކީ ޔަހޫދީންގެ ދެ ބިން ކަމަށް ބުނެފައި ވެއެވެ.
އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ވެސް ޔަހޫދީ ޓެރަރިސްޓުންނަށް ހިތްވަރު ދިނުމަށް މަސައްކަތްތައް ދަނީ ކުރިއަށެވެ. އެގޮތުން ބައެއް ސްޓޭޓުން ވަނީ ރަސްމީ ލިޔެކިޔުންތަކުގައި "ހުޅަނގު އައްސޭރި" ގެ ބަދަލުގައި "ޖުދެއާ އަދި ސަމަރިއާ" މި ޢިބާރާތް ބޭނުންކުރުމަށް ޤާނޫނެއްވެސް ފާސްކޮށްފައެވެ. މީގެ އިތުރުން އެރިޒޯނާ ސްޓޭޓުން ވެސް މިފަދަ ހުށަހެޅުމެއް ފާސްކޮށްފައިވާއިރު، ވެސްޓް ވަރޖީނިއާ އަދި ފްލޮރިޑާގައި ވެސް ޤާނޫނީ މަރުޙަލާތައް ވަނީ ކުރިއަށް ގޮސްފައެވެ. އަދި އެލަބާމާ، އޮކްލަހޯމާ އަދި ޖޯޖިޢާގެ ސްޓޭޓްތަކުގައި ވެސް ވަނީ ބިލުތައް ހުށަހަޅާފައެވެ.




