އިންޑިއާގެ ދިފާޢީ ޤާބިލުކަން އިތުރުކުރުމުގެ ބޭނުމުގައި، 11.64 ބިލިއަން ޑޮލަރުގެ އަގުހުރި ދިފާޢީ ޒަމާނީ ވަސީލަތްތަކާއި ނިޒާމުތައް ގަތުމުގެ ހުށަހެޅުންތައް އެ ޤައުމުގެ ޑިފެންސް އެކުއިޒިޝަން ކައުންސިލުން ފާސްކޮށްފިއެވެ. އިންޑިއާގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ހޯދުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި ކެމިކަލް، ބަޔޮލޮޖިކަލް، ރޭޑިއޮލޮޖިކަލް އަދި ނިއުކްލިއަރ ނުރައްކާތައް ދެނެގަންނަ ނިޒާމުތަކާއި، ޒަމާނީ ލުއި ހެލިކޮޕްޓަރުގެ އިތުރުން މައިން ގޮއްވާލުމަށް ޚާއްޞަ ޓޭންކުތައް ހިމެނެއެވެ.
މި މަޝްރޫޢުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ގަތުމަށް ހަމަޖެހިފައިވާ ތަކެތީގެ ގާތްގަނޑަކަށް %98 ހޯދުމަށް އަމާޒުކޮށްފައިވަނީ އިންޑިއާގެ އަމިއްލަ ޞިނާޢަތްތަކުންނެވެ. މިއީ ދިފާޢީ އާލާތްތައް އުފެއްދުމުގައި ބޭރުގެ ޤައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެ ޤައުމުން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން އަޅަމުންދާ ފިޔަވަޅެއްކަމަށް ބުނެފައި ވެއެވެ.
މި ހުއްދައިގެ ދަށުން، ނުރައްކާތެރި މާއްދާތަކުން ތަޣައްޔަރުވެފައިވާ ސަރަޙައްދުތައް ދެނެގަނެ، އެފަދަ ތަންތާނގައި ލޮޖިސްޓިކްސްގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އަވަހަށް މައިން ވަޅުލުމަށް ޚާއްޞަ އޮޓޮމެޓިކް ނިޒާމުތަކާއި، ސިފައިންނަށް ކޯރުތަކާއި ފެންގަނޑުތައް ފަސޭހައިން ގިރާކުރުމަށް ބޭނުންވާ ޒަމާނީ ބްރިޖް ސިސްޓަމްތައް ހޯދުން ވެސް މި ލިސްޓުގައި ހިމެނެއެވެ.
މީގެ އިތުރުން، ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ ހަނގުރާމައިގެ ޤާބިލުކަން އިތުރުކުރުމަށް ގިނަ ވަސީލަތްތަކެއް ހޯދުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ޒަމާނީ ރާޑަރު ނިޒާމުތަކާއި، މެރިން ގޭސް ޓަރބައިންތައް އަމިއްލައަށް އުފެއްދުމުގެ މަސައްކަތް ހިމެނޭއިރު، ދުޝްމަނުންގެ ރާޑަރު ނިޒާމުތައް ހުއްޓުވުމަށް ބޭޏުންވާ ޚާއްޞަ ޖޭމިންގ ސިސްޓަމެއް ގަތުމަށް ވެސް ވަނީ ނިންމާފައެވެ.







