"އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން، ސަރުކާރުގެ މަގާމެއްގައި ހުރި މީހަކު އެ ކަހަލަ ކަމެއް ކުރުމަކީ. އެހެންވެގެން އޭނާ ވާނީ މިހާރު ވަޒީފާއިން ވަކިކޮށްފައި،" ރައީސް މުއިއްޒު
ދައުލަތުގެ މަގާމެއްގައި ހުންނަވައިގެން، އަމިއްލަ ކުންފުންޏަކަށް ރިސޯޓު ތަރައްގީކުރުމަށް ރަށްތަކެއް ހޯއްދެވި މައްސަލައާ ގުޅިގެން، ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބަސަޑަރުގެ މަގާމުގައި ހުންނެވި ހައްސާން ވަހީދު މަގާމުން ވަކިކުރައްވައިފިއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ތ. އަތޮޅުގެ ތިން ރަށެއް ދޫކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި މައުލޫމާތު ލިބިވަޑައިގަތުމާއެކު ހައްސާންއާ ސުވާލުކުރައްވާފައިވާނެ ކަމަށެވެ. އަދި އަމިއްލައަށް އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް އެކަން ބައްލަވާފައިވާނެ ކަންވެސް ފާހަގަކުރެއްވިއެވެ. "އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން، ސަރުކާރުގެ މަގާމެއްގައި ހުރި މީހަކު އެ ކަހަލަ ކަމެއް ކުރުމަކީ. އެހެންވެގެން އޭނާ ވާނީ މިހާރު ވަޒީފާއިން ވަކިކޮށްފައި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ރަށްތައް ނަގާފައިވަނީ އަޔަތާނާއީޕް ހޮސްޕިޓާލިޓީސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. މި ކުންފުނީގައި ހައްސާންގެ އިތުރުން އިންޑިއާގެ ވިޔަފާރިވެރިންގެ ހިއްސާވެސް އޮންނަ ކަމަށް މީސްމީޑިއާގައި އަނބުރާފައި ވެއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ކުންފުންޏަށް ދޫކޮށްފައިވަނީ ތ. އަތޮޅުގައި ހިމެނޭ ފުއްޓާއި، ވަންބަންޖާއި، އަދި ކަނި އެވެ. މި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ސޯޝަލް މީޑިއާގައި ދައުރުވުމާ އެކު، ގިނަ ބަޔަކު މިކަމަށް ފާޑު ކިޔާފައި ވެއެވެ.





