ގްރީން ބިލްޑިންގައި ރޯވި ހާދިސާ ރއިްގެ އިސްތަށިފުޅުގައި އަޅުވައިގެން ދެއްކި ވާހަކައާ ބެހޭ ތަފްސީލު ހޯދުމަށް ފުލުހުން ފަށާފައިވާ ތަހުގީގަށް އެއްބާރުލުން ދެއްވުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންކާރުކުރައްވައިފިއެވެ. ޔާމީންގެ ގާނޫނީ ޓީމު މެދުވެރިކޮށް ފުލުހުންނަށް ފޮނުއްވި ސިޓީއެއްގައި ބަޔާންކޮށްފައިވަނީ، އެ ހާދިސާއާ ގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ނުވަތަ ހެއްކެއް އެމަނިކުފާނުގެ އަތްޕުޅުގައި ނެތް ކަމަށެވެ.
މި މައްސަލަ ފެންމަތިވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިނގި އެ އަލިފާނުގެ ހާދިސާއަކީ ރައިސް މުއިއްޒުގެ ގާތް ފަރާތަކުން ގަސްތުގައި ރޯކޮށްލައިގެން ހިންގި އަމަލެއް ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ. މާލެ ސިޓީ ކައުންސިލާއި ތިން ވުޒާރާއެއް ހިންގަމުންދިޔަ އެ އިމާރާތުގައި ހިނގި ހާދިސާގެ ފަހަތުގައިވަނީ ސަރުކާރުގެ އިސް އޮފިޝަލަކާ ގާތް މީހެއް ކަމަށާއި، އެކަމުގެ ހެކި ފުލުހުންގެ ރެކޯޑުތަކުގައި ހުންނާނެ ކަމަށް ތުހުމަތުކުރެއްވިއެވެ.
ރައީސް ޔާމީންގެ މި ތުހުމަތުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަރުކަށި އިބާރާތުން ދޮގުކުރައްވާފައެވެ. އަދި ގައުމުގެ އިސް ވެރިއަކަށް ހުންނެވި ބޭފުޅަކު އެފަދަ އަސާސެއް ނެތް ތުހުމަތުތަކެއް ކުރުމަކީ ހިތާމަހުރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވަނީ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ފުލުހުން މެދުވެރިކޮށް ތަހުގީގެއް ހިންގުމަށް އަންގަވާފައެވެ.
ބޭރުގެ ފޮރެންސިކް ތަޖުރިބާކާރުންނާއެކު ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުން ހާމަވެފައިވަނީ، އެ އިމާރާތުގައި ރޯވެފައިވަނީ ކަރަންޓު ވައިރު މައްސަލައަކުން ކަމަށާއި، އެއީ ޖިނާއީ ކުށެއްގެ ސަބަބުން ހިނގި ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް، ރައީސް ޔާމީން އަތުގައި ހުރި ކަމަށް ވިދާޅުވި ހެއްކާ ގުޅޭގޮތުން ސުވާލުކުރުމަށް ފުލުހުން ވަނީ އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެއްސަށް ޗިޓް ފޮނުވާފައެވެ.
ފުލުހުންގެ ކޮމިޝަނަރު އަހުމަދު މުހައްމަދަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އާންމު މީޑިއާގައި ޝާއިއުކޮށްފައިވާ ޚަބަރުތަކުން ލިބޭ މައުލޫމާތު ފިޔަވައި އިތުރު މައުލޫމާތެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަންނަވަންޖެހޭ ފަދަ އިތުރު މައުލޫމާތެއް އެމަނިކުފާނުގެ އަތްޕުޅުގައި ނެތް ކަމަށް ވަކީލު ވިދާޅުވިއެވެ.






