ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަވީރު އއ. ރަސްދޫއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. މިއީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށްފަހު ރައީސް އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރައީސުލްޖުމްހޫރިއްޔާ ރަސްދޫއަށް ވަޑައިގަތުމުގެ މާ ކުރިންވެސް އެ ރަށުގެ ބަނދަރު ސަރަހައްދުން ފެށިގެން ރަށުގެ ތެރެއަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ސަފު ހަދައިފައެވެ. ރަށަށް ފައިބާވަޑައިގަތުމަށްފަހު، އެމަނިކުފާނުގެ އިސްތިގުބާލުގައި ތިބި ރައްޔިތުންނާ ސަލާންކުރައްވައި، ހާލު ބައްލަވައިލެއްވުމުގައި ރައީސް ވަގުތު ހޭދަކުރެއްވިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓުގެ ގިނަ އަދަދެއްގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވައެވެ.
ރަސްދޫއަކީ މީގެ ކުރިން އިދިކޮޅު އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ރަށެއް ނަމަވެސް، އެންމެ ފަހުން ބޭއްވި އިންތިޚާބުގައި އެ ރަށުން ވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް ބޮޑު އަޣުލަބިއްޔަތެއް ދީފައެވެ. އެގޮތުން ރަސްދޫ ކައުންސިލުގެ ހުރިހާ ގޮނޑިއަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން، އއ. އަތޮޅުގައި އެމްޑީޕީގެ މައި މަރުކަޒެއްގެ ގޮތުގައި ކުރިން އޮތް އުކުޅަހުގެ ހުރިހާ ގޮނޑިއެއްވެސް ޕީއެންސީން ކާމިޔާބުކޮށްފައިވާއިރު، އެމްޑީޕީގެ ތާއީދު ބޮޑު ތޮއްޑޫއިންވެސް ޕީއެންސީން ވަނީ ތާރީޚީ ކާމިޔާބެއް ހޯދާފައެވެ. މުޅި އއ. އަތޮޅަށް ބަލާއިރުވެސް އެންމެ ގިނަ ގޮނޑިތަކާއެކު ވޯޓުގެ ބޮޑު އިންސައްތައެއް ކާމިޔާބުކުރީ ސަރުކާރު ހިންގާ ކޯލިޝަނުންނެވެ.
މި ދަތުރުފުޅަކީ އިންތިހާބުގެ ކާމިޔާބީއަށްފަހު ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.





