ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ބޮޑު ވެއްޖެއެވެ. މިއީ ފާއިތުވި ތިން އަހަރު ތެރޭގައި ކާނާގެ އަގުތައް އެންމެ ބޮޑަށް މަތިވި ފަހަރެޗވެ. އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، މި އަގުތައް އުފުލުމުގެ މައިގަނޑު ސަބަބަކީ ޓްރަމްޕް ގަލްފްގައި ފަށައިގެން އުޅޭ ސޮލީބީ ސަހުޔޫނީ ހަނގުރާމައާއި ހުރުމުޒް ކަނޑުއޮޅީގެ ދަތުރު ފަތުރަށް އެމެރިކާއާ ހެދި ހުރަސް އެޅުމާ ގުޅިގެން ކައްކާ ތެލުގެ އަގު އިންތިހާއަށް މައްޗަށް ދިއުމެވެ.
އެފްއޭއޯގެ ޗީފް އިކޮނޮމިސްޓް މެކްސިމޯ ޓޮރޭރޯ ވިދާޅުވި ގޮތުގައި، ތެލުގެ އަގު އުފުލެމުންދަނީ ހަކަތައިގެ އަގު ބޮޑުވުމުގެ ސަބަބުން ބަޔޯފިއުލް އުފެއްދުމަށް ބޭނުންކުރާ ގަސްގަހާގެއްސަށް އޮތް ޑިމާންޑް އިތުރުވުމާ ގުޅިގެންނެވެ. ނަމަވެސް، ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ހުރަސްތަކާއެކުވެސް ދަނޑުވެރިކަމުގެ ނިޒާމުތައް ވަރުގަދަކަން ފާހަގަކުރެވެއެވެ. އަދި ކުރީގެ މޫސުމްތަކުގައި ގޮވާން ރައްކާކުރެވިފައި ހުރުމުގެ ސަބަބުން ގޮވާމުގެ އަގުތައް މައްޗަށް ގޮސްފައިވަނީ މެދު މިންވަރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ވިޔަފާރިކުރާ ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ބަލާ "އެފްއޭއޯ ފުޑް ޕްރައިސް އިންޑެކްސް" ޖެހިޖެހިގެން ތިންވަނަ ފަހަރަށް އޭޕްރީލް މަހު ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން އޭޕްރީލް މަހު މި އިންޑެކްސް ހުރީ 130.7 ޕޮއިންޓުގައެވެ. މިއީ މާޗް މަހާ އަޅާބަލާއިރު 1.6 އިންސައްތައިގެ ކުރިއެރުމެއް ކަމަށާއި، މިއީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހަށްފަހު އަގުތައް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ކުކިންގ އޮއިލްގެ އަގު ވަނީ މާޗް މަހާ އަޅާބަލާއިރު 5.9 އިންސައްތަ މައްޗަށް ގޮސްފައެވެ. މީގެ ތެރޭގައި ސޯޔާ، ސަންފްލާވަރ އަދި ޕާމް އޮއިލްގެ އަގު ހިމެނެއެވެ. މީގެ އިތުރުން އެއްގަމު މަހުގެ އަގުތައް 1.2 އިންސައްތަ މައްޗަށް ގޮސް ރެކޯޑް މިންވަރަކަށް އުފުލިފައި ވެއެވެ. އަދި، ހަކުރުގެ އަގު ވަނީ 4.7 އިންސައްތަ ދަށަށް ގޮސްފައެވެ. ހަކުރުގެ އަގު ދަށަށް ދިޔައީ ބްރެޒިލް، ޗައިނާ އަދި ތައިލެންޑުން ހަކުރު ސަޕްލައި ކުރާނެ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭތީއެވެ.
ދަނޑުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ބަލާއިރު، ގަސްކާނާގެ އަގު ބޮޑުވުމުގެ ސަބަބުން 2026 ވަނަ އަހަރު ގޮވާން އިންދާ މިންވަރު މަދުވާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، އެފްއޭއޯގެ އެހން ރިޕޯޓެއްގައި ބުނެފައިވަނީ 2025 ވަނަ އަހަރު ދުނިޔޭގެ ގޮވާން އުފައްދާ މިންވަރު 3.040 ބިލިއަން މެޓްރިކް ޓަނަށް އަރާނެ ކަމަށެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 6 އިންސައްތައިގެ އިތުރުވުމެކެވެ. ސޮލީބީ ސަހުޔޫނީ ހަނގުރާމައާ ގުޅިގެން ގަސްކާނާއަށް ބުރޫ އަރާނަމަ ފަހަރެއްގައި ގޮވާން އުފެއްދުން ދަށަށް ހިނގައިދާނެ ކަމަށްވެސް ބަލަންވާނެއެވެ.





