2014 އަދި 2015 ވަނަ އަހަރު ޣައްޒާއަށް އިސްރާއީލުން ދިން ޢުދުވާނީ ޙަމަލާތަކާ ގުޅިގެންނާއި ފަލަސްޠީނުގެ ޙައްޤުތަކަށް އަރައިގަތް މައްސަލަތަކާ ބެހޭގޮތުން އދ. އިން ތައްޔާރުކުރި ސިއްރު ރިޕޯޓްތަކާއި މަޝްވަރާތަކުގެ މަޢުލޫމާތު، އދ.ގެ މުވައްޒަފަކު އިސްރާއީލުގެ ޑިޕްލޮމޭޓުންނަށް ލީކުކޮށްދީފައިވާކަން ހާމަވެއްޖެއެވެ.
އެމެރިކާގެ އިންވެސްޓިގޭޓިވް ނޫހަކުން އާންމުކުރި ތަޙުޤީޤީ ރިޕޯޓެއްގައިވާ ގޮތުން، މި މައުލޫމާތުތައް އިސްރާއީލަށް ފޯރުކޮށްދީފައިވަނީ އޭރު އދ.ގެ އާބާދީއާ ބެހޭ ފަންޑު ގައި މަސައްކަތްކުރި އަދި މިހާރު ވޮޝިންގޓަންގައި ހުންނަ ޔުނިސެފް އޮފީހުގެ ވެރިޔާގެ މަޤާމުގައި ހުރި ޔެހާވް ލިޗްނާ އެވެ.
ލީކުވި މުހިންމު މައުލޫމާތުތައް:
- ސިއްރު ބައްދަލުވުންތަކުގެ ރިޕޯޓް: 2015 ވަނަ އަހަރު އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރު ޒައިދު ރާޢަދު އަލް ޙުސައިން ވޮޝިންގޓަންގައި އެމެރިކާގެ މަސްއޫލުވެރިންނާއެކު ބޭއްވެވި ސިއްރު ބައްދަލުވުންތަކުގެ ޚުލާޞާ، އިސްރާއީލުން އދ. އަށް ކަނޑައަޅާފައި ހުރި ސަފީރު ރޮން ޕްރޯސޯއަށް އޭނާ ފޮނުވާފައިވެއެވެ.
- ރައީސް ޢައްބާސްގެ ސިޓީފުޅު: 2014 ގެ ޣައްޒާ ހަނގުރާމަ ފެށުނުތަނާހެން، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އދ.ގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫންއަށް ފޮނުއްވި ސިޓީފުޅާއި، ބާން ކީ މޫން ދެއްވަން ތައްޔާރުކުރެއްވި ޖަވާބު ސިޓީގެ ޑްރާފްޓް އާންމުކުރުމުގެ ކުރިން އިސްރާއީލަށް ފޮނުވިއެވެ.
- އިސްރާއީލު ދިފާޢުކުރަން އިރުޝާދު ދިނުން: 2014 ވަނަ އަހަރު އިސްރާއީލު ސިފައިން ފަލަސްޠީނުގެ ދެ ކުއްޖަކު (ނަދީމް 19އ އަދި މަޙްމޫދު ޢޫދާ މަރާލި މައްސަލައިގައި އދ. އިން ކުރި ތުހުމަތުތަކުން ދިފާޢުވުމަށް އިސްރާއީލު ޑިޕްލޮމޭޓުން ބޭނުންކުރާނެ ވާހަކަތަކާއި އުޒުރުތައްވެސް އޭނާ ތައްޔާރުކޮށްދީފައިވެއެވެ.
ލީކުވެފައިވާ އީމެއިލްތަކުން އެނގޭ ގޮތުގައި، ލިޗްނާ އަކީ ކުރިން އިސްރާއީލުގެ ހާރިޖީ ދާއިރާގައި މަސައްކަތްކޮށްފައިވާ މީހެކެވެ. އޭނާ އދ.ގެ ވަޒީފާއަށް ވަނީ އިސްރާއީލުގެ ސަފީރުގެ ސިއްރު އެހީތެރިކަމާއެކުގައެވެ.
އދ.ގެ ގަވާއިދުތައް ބުނާގޮތުން އދ.ގެ މުވައްޒަފުންނަށް ލިބޭ ސިއްރު މައުލޫމާތުތައް އެއްވެސް ޤައުމެއްގެ ސަރުކާރަކަށް ނުވަތަ ބޭރުގެ ފަރާތަކަށް ހިއްސާކުރުމަކީ ހަރުކަށިކޮށް މަނާކަމެކެވެ. ނަމަވެސް އދ.ގެ ތެރޭގައި އެތެރޭގެ ފިޔަވަޅު އަޅާނެ ހަރުދަނާ ނިޒާމެއް ނެތުމުގެ ސަބަބުން މިފަދަ ކަންކަން ހިނގަމުންދާ ކަމަށް އދ.ގެ މަސްއޫލުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.







