ވަޓްސްއެޕުން އައު ފީޗާތަކާއެކު ފައިސާ ދައްކައިގެން ބޭނުންކުރެވޭ ސަބްސްކްރިޕްޝަން ޕްލޭނެއް ތައާރަފުކުރަނީ

މެސެޖިންގ އެޕްލިކޭޝަން ވަޓްސްއެޕުން، އިތުރު ފީޗާތަކާއެކު ފައިސާ ދައްކައިގެން ބޭނުންކުރެވޭ ޕްރީމިއަމް ސަބްސްކްރިޕްޝަން ޕްލޭނެއް ކަމަށްވާ ވަޓްސްއެޕް ޕްލަސް ތައާރަފުކުރުމަށް ތައްޔާރުވަމުން އެބަދެއެވެ. އެންޑްރޮއިޑް ބީޓާ ވާޝަންގައި މި ޕްލޭން ކުރިން ޓެސްޓުކުރުމަށްފަހު، މިހާރު ވަނީ އައިއޯއެސް ބޭނުންކުރާ މަދު ބަޔަކަށް މި ޚިދުމަތް ފެންނަން ފަށާފައެވެ.

މި ސަބްސްކްރިޕްޝަން ޕްލޭނަކީ މައިގަނޑު ގޮތެއްގައި އެޕްލިކޭޝަންގެ ސެޓިންގްސްތައް އަމިއްލަ ބޭނުންތަކަށް ބަދަލުކޮށްލަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ތައާރަފުކުރާ ޕްލޭނެކެވެ. ބީޓާ ޓްރެކިންގ އަޕްޑޭޓްތަކުން އެނގޭ ގޮތުގައި، މިއީ މުޅިން އިޚްތިޔާރީ ކަމެކެވެ. އެހެންކަމުން އާންމުކޮށް ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް އެއްވެސް އިތުރު ފީއަކާ ނުލައި މެސެޖުކުރުމާއި، ކޯލް ކުރުމާއި، މީޑިއާ ހިއްސާކުރުމުގެ ޚިދުމަތް ކުރިއެކޭވެސް އެއްގޮތަށް ލިބޭނެއެވެ.

އައިފޯން ބޭނުންކުރާ ފަރާތްތަކަށް މި ފީޗާ މިހާރު ދޫކުރަމުންދަނީ މަޑުމަޑުންނެވެ. އެހެންކަމުން މި ޚިދުމަތް ލިބޭނީ ވަކި ސަރަހައްދުތަކެއްގެ އެކައުންޓްތަކަށެވެ. މި ޚިދުމަތް ލިބޭ ފަރާތްތަކަށް ވަޓްސްއެޕްގެ ސެޓިންގްސްގެ ތެރެއިން ސަބްސްކްރިޕްޝަން ޑޭޝްބޯޑް ފެންނަން ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބީޓާ މަރުހަލާގައި މި ޕްލޭންގެ އަގުތައް ގައުމުތަކަށް ބަލައި ތަފާތުވާނެ ކަމަށް ބެލެވެއެވެ. އެގޮތުން ޔޫރަޕްގެ ގައުމުތަކަށް މަހަކު 2.49 ޔޫރޯ، އަދި މެކްސިކޯގައި މަހަކު 29 ޑޮލަރުގެ އަގެއް ފެންނަން ހުރި ނަމަވެސް، މުޅި ދުނިޔެއަށް މި ހިދުމަތް އާންމުކޮށް ހުޅުވާލާއިރު އަގުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

ވަޓްސްއެޕް ޕްލަސްގެ ސަބްސްކްރިޕްޝަންގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އެޕްގެ ފެންނަ ފެނުމަށް ގެނެވޭ ބަދަލުތަކެވެ. އޭގެ ތެރޭގައި ޕްރީމިއަމް ސްޓިކާ ފޮނުވުން، އެޕްގެ ތީމްތައް ބަދަލުކުރުން، ކަސްޓަމް އެޕް އައިކަންތައް އިޚްތިޔާރުކުރުން، ގިނަ ޗެޓްތައް ޕިންކުރުން، ޕްރީމިއަމް ރިންގްޓޯންތައް އަދި ޗެޓް ލިސްޓުގެ އިތުރު އޮޕްޝަންތައް ހިމެނެއެވެ.

މެޓާ ކުންފުނިން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ އެ ކުންފުނީގެ މެސެޖިންގ ޕްލެޓްފޯމުން އިތުރު އާމްދަނީ ހޯދުމުގެ މަގުތައް ފަހިކުރުމަށެވެ. ނަމަވެސް، ބިލިއަނުން މީހުން ބޭނުންކުރާ ހިލޭ ވާޝަންއަށް އެއްވެސް ބުރޫނާރާނެ ގޮތަށް މިކަން ކުރުމަށް މެޓާއިން ޚާއްސަ ސަމާލުކަމެއް ދޭކަން ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!