އަންދަލުސްގެ އިސްލާމީ ތާރީޚު ދައްކުވައިދޭ 1،000 އަހަރުވީ މިސްކިތް

ސްޕެއިންގެ ހުޅަނގު ދެކުނުގައި އޮންނަ އޮލްމޮނާސްޓަރ ލާ ރިއާލް މިސްކިތަކީ ޔޫރަޕުގައި މިއަދާ ހަމައަށް ފެންނަން ހުރި އެންމެ ދުވަސްވީ އެއް މިސްކިތެވެ. އަންދަލުސްގެ މުއްސަނދި އިސްލާމީ ތާރީޚު ދައްކުވައިދޭ މި މިސްކިތަކީ 9 ވަނަ ގަރުނާއި 10 ވަނަ ގަރުނާ ދެމެދު، އަންދަލުސްގެ އެންމެ ނުފޫޒުގަދަ ޚަލީފާ އަބްދުއްރަހުމާން 3ވަނަގެ ވެރިކަމުގައި ބިނާކޮށްފައިވާ މިސްކިތެކެވެ.

 إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّهَ ۖ فَعَسَىٰ أُولَٰئِكَ أَن يَكُونُوا مِنَ الْمُهْتَدِينَ ﴿18﴾
ﷲގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، ﷲއަށާއި، އާޚިރަތް ދުވަހަށް އީމާންވެ، ނަމާދު ޤާއިމް ކޮށް، ޒަކާތް ދީ، ﷲއަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތްބަޔެކެވެ. (އައްތައުބާ)

13 ވަނަ ގަރުނުގައި މި ސަރަހައްދު ނަސާރާ ލަޝްކަރުގެ ދަށަށް ދިއުމާ ގުޅިގެން މިސްކިތް ފައްޅިއަކަށް ބަދަލުކުރެވުނެވެ. ނަމަވެސް، މިސްކިތުގެ އަސްލު ބިނާ ވަނީ ވަރަށް ބޮޑަށް ރައްކާތެރިކުރެވިފައެވެ. މިސްކިތުގެ ތަނބެއްގައި އަދިވެސް ޢަރަބި ބަހުން ލިޔެފައިވާ "ލާއިލާހަ އިލްލަﷲ، މުޙައްމަދު ރަސޫލުﷲ" މި ލިޔުން ފެންނަން އެބަހުއްޓެވެ. މިއީ މީގެ އެތައް ގަރުނެއް ކުރިން ލިޔެފައިވާ ލިޔުމެކެވެ.

وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللَّهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ۚ أُولَٰئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَا إِلَّا خَائِفِينَ ۚ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ ﴿114﴾
ﷲގެ މިސްކިތްތަކުގައި އެކަލާނގެ އިސްމުފުޅު ނަންގަތުން މަނާކޮށް، އަދި އެތަންތަން (ފަޅުކޮށް) ޚަރާބު ކުރުމަށް މަސައްކަތްކޮށްފި މީހަކަށްވުރެ އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އެއުރެން ބިރުންތިބޭ ޙާލުގައި މެނުވީ، އެތަންތަނަށް ވަދެއުޅުމެއް އެއުރެންނަކަށް ނުވެއެވެ. ދުނިޔޭގައި އެއުރެންނަށްހުރީ ނިކަމެތިކަމެވެ. އަދި އާޚިރަތުގައި އެއުރެންނަށް ހުރީ ބޮޑުވެގެންވާ ޢަޛާބެވެ.  (އަލްބަޤަރާ)

މީގެ 38 އަހަރު ކުރިން އިސްލާމްވި ރަފައެލް ހެނާންޑޭޒް މަންޗާ ބުނީ، މި މިސްކިތުން އިހުސާސް ކުރެވެނީ ވަރަށް ތަފާތު ރޫހާނީ އިހުސާސެއް ކަމަށެވެ. އޭނާ އިސްލާމްވުމަށްފަހު ޝަހާދަތް ކިޔުމަށް އިޚްތިޔާރު ކުރީވެސް މި ތާރީޚީ މިސްކިތެވެ.

ހެނާންޑޭޒް ފާހަގަކުރި ގޮތުގައި ސްޕެއިންގެ ބަހާއި ސަގާފަތަށް އިސްލާމީ ތާރީޚުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވެއެވެ.

ސްޕެއިން ބަހުގެ ގާތްގަނޑަކަށް 10 އިންސައްތަ ބަސްތަކަކީ ޢަރަބި ބަހުން އައިސްފައިވާ ބަސްތަކެވެ. މީގެ އިތުރުން ސެވިލް، ކޯޑޯބާ (ޤުރުޠުބާ) އަދި ގްރަނާޑާ ފަދަ މަޝްހޫރު ރަށްތަކުގެ ނަންތަކަކީވެސް ޢަރަބި އަސްލެއް އޮތް ނަންތަކެވެ. ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ކާލޯސް އަލްކަރާޒްގެ ނަމަކީވެސް ޢަރަބި ބަހުން "ޗެރީ" އަށް ކިޔާ ނަމަކުން އައިސްފައިވާ ނަމެކެވެ.

އޮލްމޮނާސްޓަރ ލާ ރިއަލްގެ ކައުންސިލް މެންބަރު މާރިއާ ހޯސޭ މާޓިން އަނާޓޭ ވިދާޅުވި ގޮތުގައި، ކޮންމެ އަހަރަކު 100،000 އަށްވުރެ ގިނަ ފަތުރުވެރިން މި މިސްކިތަށް ޒިޔާރަތް ކުރެއެވެ. މި މިސްކިތުގައި ގަވާއިދުން ނަމާދު ނުކުރި ނަމަވެސް، މުސްލިމުން ޒިޔާރަތްކޮށް ނަމާދުކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިތަނަކީ އެއްވެސް ދީނަކަށް ޚާއްޞަކޮށްގެން ގަވާއިދުން އަޅުކަން ކުރާ ތަނެއް ނޫން. އެކަމަކު މުސްލިމަކު އައިސް މުސައްލަ ފަތުރައިގެން ނަމާދު ކުރަން ބޭނުންނަމަ އެއްވެސް މައްސަލައެއް ނެތް،" އަނާޓޭ ވިދާޅުވިއެވެ. މީގެ އިތުރުން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހު މި ރަށުގައި އިސްލާމީ ސަގާފަތާ ބެހޭ ކޮންފަރެންސެއް ބާއްވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!