އައު އުމްރާ މޫސުމަށް ސައުދީ އަރަބިއްޔާއިން އުމްރާ ވީޒާ ދޫކުރަން ފަށައި، އާދީއްތަ ދުވަހުން (14 ޛުލްޙިއްޖާ ނުވަތަ 31 މެއި) އިން ފެށިގެން އުމްރާވެރިންނަށް ސައުދީއަށް އެތެރެވުމުގެ ހުއްދަ ދޭން ފަށައިފިއެވެ.
މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާއިން ދާދިފަހުން އާންމުކޮށްފައިވާ 1448 ވަނަ އަހަރުގެ ހިޖުރީ ކަލަންޑަރުގެ އުމްރާ މޫސުމުގެ ތާވަލުގައިވާ ގޮތުން، ހޯމަ ދުވަހުން (1 ޖޫން) ފެށިގެން 'ނުސުކް' އެޕްލިކޭޝަން މެދުވެރިކޮށް އުމްރާވެރިންނަށް މައްކާއަށް ވަނުމުގެ ހުއްދަ ހޯދޭނެއެވެ.
-
ވީޒާ ދޫކުރުން: އައު އުމްރާ މޫސުމަށް ސައުދީ އަރަބިއްޔާއިން އުމްރާ ވީޒާ ދޫކުރަން ފަށައި، މެއި 31 (14 ޛުލްޙިއްޖާ) އިން ފެށިގެން އުމްރާވެރިންނަށް ސައުދީއަށް އެތެރެވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
-
ނުސުކް އެޕްލިކޭޝަން: ޖޫން 1 އިން ފެށިގެން 'ނުސުކް' އެޕްލިކޭޝަން މެދުވެރިކޮށް މައްކާއަށް ވަނުމުގެ ހުއްދަ އުމްރާވެރިންނަށް ހޯދޭނެއެވެ.
-
މުހިންމު ތާރީޚުތައް: ވީޒާ ދޫކުރާ އެންމެ ފަހު ތާރީޚަކީ 9 މާޗު 2027 އެވެ. އަދި އުމްރާވެރިން ސައުދީން ފުރަންޖެހޭ އެންމެ ފަހު ތާރީޚަކީ 7 އޭޕްރީލް 2027 އެވެ.
އުމްރާ ވީޒާ ދޫކުރުމުގެ އެންމެ ފަހު ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 1 ޝައްވާލް 1448 (9 މާޗު 2027) އެވެ. އަދި އުމްރާވެރިންނަށް ސައުދީއަށް އެތެރެވެވޭނެ އެންމެ ފަހު ތާރީޚަކީ 15 ޝައްވާލް 1448 (23 މާޗު 2027) އެވެ. މީގެ އިތުރުން، މިނިސްޓްރީން ކަށަވަރުކޮށްދީފައިވާ ގޮތުގައި އުމްރާވެރިން ސައުދީން ފުރަންޖެހޭ އެންމެ ފަހު ތާރީޚަކީ 30 ޝައްވާލް 1448 (7 އޭޕްރީލް 2027) އެވެ.
މުޅި އުމްރާ މޫސުމުގައި އުމްރާވެރިންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަށަވަރުކުރުމަށްޓަކައި، ފާސްކޮށްފައިވާ ތާވަލާ އެއްގޮތަށް އަމަލުކުރުމަށާއި، މިނިސްޓްރީން އެކުލަވާލާފައިވާ ހުރިހާ ގަވާއިދުތަކާއި އުސޫލުތަކަށް ފުރިހަމައަށް ތަބާވުމަށް އުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށާއި ބޭރު ގައުމުތަކުގެ އޭޖެންޓުންނަށް ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ވަނީ ގޮވާލާފައެވެ.







