"ރެޕިޑް ސަޕޯޓް ފޯސަސް" ހިންގި ގަތުލުއާންމުތަކަށް ޔޫއޭއީ ޗެނަލް ސަޕޯޓު ކުރުމުން ޕާޓްނަރޝިޕް ރޫޅާލައިފި

އިނގިރޭސިވިލާތުގެ "ސްކައި" ނެޓްވޯކުން، ޔޫއޭއީ (އެމިރޭޓްސް) ގައި މަރުކަޒުވެފައިވާ ޔޫއޭއީގެ ލޑަަރުންް ފަންޑު ކުރާ "ސްކައި ނިއުސް ޢަރަބިއްޔާ" އާއެކު އޮތް ޓީވީ ޕާޓްނަރޝިޕް ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށް "ދަ ގާޑިއަން" ނޫހުން ބުނެފިއެވެ.

އެ ނޫހުން ބުނި ގޮތުގައި މި ނިންމުން ނިންމާފައިވަނީ ސޫދާން ހަނގުރާމަ ކަވަރުކުރުމުގައި އެ ޗެނަލުން ގެންގުޅުނު އޮޅުންބޮޅުން ބޮޑު ސިޔާސަތެއްގެ ސަބަބުންނެވެ. ޚާއްޞަކޮށް، ސޫދާންގެ ފާޝިރު ސިޓީގައި "ރެޕިޑް ސަޕޯޓް ފޯސަސް" (ދަޢުމުއްސަރީޢު) އިން ހިންގި ގަތުލުއާންމުތައް ކަވަރުކުރި ގޮތުން، ނަސްލު ނައްތާލުމުގެ ޙަޤީޤަތްތަކަށް އެ ޗެނަލުން އިންކާރުކުރާ ކަމުގެ ތުހުމަތުތައް ބޮޑުވުމާ ގުޅިގެންނެވެ.

500 އަށްވުރެ ގިނަ ދުވަހުގެ ވަރުގަދަ ބަންދުކުރުމަކަށްފަހު، 26 އޮކްޓޯބަރު 2025 ގައި "ރެޕިޑް ސަޕޯޓް ފޯސަސް" ސިފައިން ވަނީ އުތުރު ދާރްފޫރުގެ ވެރިރަށް ފާޝިރު އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ. އެއީ ސޫދާން ސިފައިންނާއި އެމީހުންނާ ބައިވެރިވާ ބާރުތަކާއެކު ކުރެވުނު ހަނގުރާމަތަކަށްފަހު، ސިފައިން އެ ސަރަހައްދުން ފޭބުމުންނެވެ.

މިކަމާ ގުޅިގެން "ރެޕިޑް ސަޕޯޓް ފޯސަސް" އިން އެ ސިޓީގައި ހިންގި ބޮޑު ގަތުލުއާންމެއްގައި 2،000 އަށްވުރެ ގިނަ މީހުން މަރާލިއެވެ. މީގެ ތެރޭގައި ފާޝިރުގައި ހުންނަ ސައޫދީ މާބަނޑު މީހުންގެ ހޮސްޕިޓަލުގައި ތިބި 460 ބަލިމީހުންނާއި އެމީހުންގެ އެހީތެރިން ހިމެނެއެވެ. އަދި ބައިނަލްއަޤްވާމީ ރިޕޯޓުތަކުން ބުނާ ގޮތުގައި 26،000 އެއްހާ މީހުންނަށް ވަނީ ބިރުވެރިކަމެއްގެ ތެރޭގައި އެ ސިޓީ ދޫކޮށް ފިލަން މަޖުބޫރު ކޮށްފައެވެ.

އިނގިރޭސި ނެޓްވޯކާއި "އިންޓަރނޭޝަނަލް މީޑިއާ އިންވެސްޓްމަންޓްސް" އާ ދެމެދު ވެވުނު އާ ވިޔަފާރި އެއްބަސްވުމެއްގެ ދަށުން، "ސްކައި" އިން ސްކައި ނިއުސް ޢަރަބިއްޔާގެ ހުރިހާ ސްޓްރެޓީޖިކް އަދި ހިންގުމުގެ މިލްކުވެރިކަމެއް ދޫކޮށްލާނެއެވެ.

"ރެޕިޑް ސަޕޯޓް ފޯސަސް" ކަވަރުކުރުން ފާޑުކިޔުމުގެ މައިގަނޑު އަމާޒަށް

"ދަ ގާޑިއަން" ގެ ރިޕޯޓުގައިވާ ގޮތުން، ސްކައި ނިއުސް ޢަރަބިއްޔާއިން ޔޫއޭއީން ހަނގުރާމައަށް ހިތްވަރުދޭ ސޫދާން ސަރަހައްދުގެ ޚަބަރުތައް ގެނެސްދޭ އެޑިޓޯރިއަލް ލައިނާ މެދު އިނގިރޭސިވިލާތުގެ ސްކައި ނެޓްވޯކުގެ އިސްވެރިންގެ މެދުގައި ކަންބޮޑުވުންތައް ދިޔައީ އިތުރުވަމުންނެވެ. ޚިޔާލުތަފާތުވުންތައް ބޮޑުވީ ސޫދާނުގެ ފާޝިރުގައި ޔޫއޭއީން އެހީ ލިބިގެން އޮޕަރޭޓް ކުރާ "ރެޕިޑް ސަޕޯޓް ފޯސަސް" އިން ހިންގި އަނިޔާވެރި އަމަލުތައް އެ ޗެނަލުން ކަވަރުކުރި ގޮތުންނެވެ. އެ ޗެނަލަށް ތުހުމަތު ކުރެވުނީ "ރެޕިޑް ސަޕޯޓް ފޯސަސް" ގެ ޖަރީމާތައް ފޮރުވައި، ނަސްލު ނައްތާލުމުގެ ނިޝާންތައް ސްކްރީނުން ފޮރުވަން މަސައްކަތްކުރި ކަމަށެވެ.

ގާޑިއަން ނޫހުން ފާހަގަކުރި ގޮތުގައި މި މައްސަލަ އިތުރަށް ގޯސްވީ މިދިޔަ ނޮވެމްބަރު މަހު ސޫދާން ސަރުކާރުން އެ ގައުމުގައި އެ ޗެނަލް މަސައްކަތްކުރުން މަނާކުރުމުންނެވެ.

މި މަނާކުރުން އައީ ސްކައި ނިއުސް އަރަބިއްޔާގެ ޓީމެއް ފާޝިރު ސިޓީއަށް ފޮނުވައި، އެތަނުގެ ސަލާމަތީ އަދި އިންސާނީ ހާލަތު އޮތީ ހަމަޖެހިފައި ކަމަށް ދައްކުވައިދޭ ރިޕޯޓެއް ގެނަސް ދިނުމުންނެވެ. ފަހުން އެނގުނު ގޮތުގައި އެ ރިޕޯޓު ތައްޔާރުކުރި ނޫސްވެރިޔާ ތަސާބީޙް މުބާރަކް ޚާޠިރުއަކީ، ދާރްފޫރުގައި "ރެޕިޑް ސަޕޯޓް ފޯސަސް" ގެ ބާރުގެ ދަށުން އުފެއްދި ސަރުކާރުގެ އިސްވެރިއެއް ކަމަށްވާ އިބްރާހީމް އަލްމީރްޣަނީގެ އަންހެނުންނެވެ.

"ދަ ގާޑިއަން" އިން ބުނީ، އޭގެ ފަހުން އެ ޗެނަލުން ސެޓެލައިޓް ފޮޓޯތަކާއި ސަލާމަތްވި މީހުންގެ ހެކިބަސްތަކާ ދެކޮޅަށް، އެތަނުގައި ގަތުލުއާންމެއް ހިނގި ކަމުގެ ހެކި ނެތް ކަމަށް ބުނާ ރިޕޯޓުތައް ފަތުރަން ފެށި ކަމަށެވެ.

މި އެޑިޓޯރިއަލް ސިޔާސަތަކީ މިދިޔަ ފެބްރުއަރީ މަހު އދ. ގެ ފެކްޓް ފައިންޑިންގ މިޝަނުން ނެރުނު ރިޕޯޓާ މުޅިން ޚިލާފު ރިޕޯޓެކެވެ. އެ ރިޕޯޓުގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި "ރެޕިޑް ސަޕޯޓް ފޯސަސް" އިން ފާޝިރު ބަންދުކޮށްގެން ގެންގުޅުނީ ވަކި ނަސްލުތަކެއްގެ މުޖުތަމައުތައް ނައްތާލުމަށެވެ. މިއީ ސީދާ ނަސްލު ނައްތާލުމުގެ ޖެނޮސައިޑް ޖަރީމާގެ ސާފު ނިޝާންތަކެކެވެ.

"ދަ ގާޑިއަން" އިން ބުނި ގޮތުގައި، ސްކައި ނިއުސްގެ އަރަބި ސާވިސްގެ ވަކިވުމަކީ 2018 ވަނަ އަހަރު އެމެރިކާގެ ކޮމްކާސްޓް ކުންފުނިން ގަނެފައިވާ "ސްކައި" ނެޓްވޯކް ބައިނަލްއަޤްވާމީ ޚަބަރުގެ ދާއިރާއިން ފަހަތަށް ޖެހުމުގެ ސިލްސިލާގެ އިތުރު ބޮޅެކެވެ.

އޮސްޓްރޭލިއާގައި އެމީހުންގެ ބްރޭންޑް ލައިސަންސް އާނުކުރަން ނިންމުމުން، މި އަހަރު އެތަނުގެ ޗެނަލްގެ ނަން "ނިއުސް 24″ އަށް ބަދަލުވާނެއެވެ. އަދި 2020 ވަނަ އަހަރު CNN އާ ވާދަކުރުމަށް NBC އާއެކު ހަދަން އުޅުނު ބައިނަލްއަޤްވާމީ ނިއުސް ޗެނަލްގެ މަޝްރޫޢުވެސް ވަނީ ކެންސަލްކޮށްފައެވެ.

ހިއްސާ ކުރައްވާ!