ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަރާތުން، ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ވޯޓާސް ލިސްޓް ގައި މިއަދު ސޮއިކޮށްފިއެވެ. އަންނަ ޖުލައި މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ:
-
އަޙްމަދު ސަޢީދު (ސޮޑާ) – ޕީއެންސީ (ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު)
-
ޢަބްދުﷲ ޞާދިޤް (ސޯބެ) – އެމްޑީޕީ (އައްޑޫގެ ކުރީގެ މޭޔަރު)
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޢާންމުކޮށްފައިވާ ފައިނަލް ލިސްޓަށް ބަލާއިރު، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ ޖުމްލަ 4,121 މީހުންނަށެވެ. ވޯޓުލުމަށްޓަކައި ސަރުކާރުން ވަނީ ޖުމްލަ 7 ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައެވެ. އެއީ ހިތަދޫގައި 5 ފޮށި އަދި މާލޭގައި 2 ފޮއްޓެވެ.
މި ދާއިރާގެ ގޮނޑި ހުސްވީ، ކުރިން އެ ގޮނޑީގައި ހުންނެވި ޕީއެންސީގެ މެންބަރު މުޙައްމަދު ސިނާން، އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ނުދައްކައިގެން ކޯޓުން ކޮށްފައިވާ ޙުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމުމުންނެވެ.
ޕީއެންސީގެ ޓިކެޓު ސޮޑާއަށް ލިބުނީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ސިނާން ޓިކެޓު ދޫކޮށްލުމުންނެވެ. އަދި އެމްޑީޕީގެ ޓިކެޓު ސޯބެއަށް ލިބުނީ އިތުރު މީހަކު ކުރިމަތިނުލުމުން ޕްރައިމަރީއަކާ ނުލައެވެ.

