ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދަފުތަރާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އެ ޕާޓީން ދީފިއެވެ. މިކަން އިއުލާންކޮށްފައިވަނީ ޕީއެންސީން މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.
ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ދާދިފަހުން ހިންގި "މެމްބާޝިޕް ޑްރައިވް" ހަރަކާތަށްފަހު، ބައެއް މީހުންނަށް ނޭނގި ޕާޓީ ބަދަލުކޮށްފައިވާ ކަމަށް ބުނެ ޝަކުވާތަކެއް ކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. މި މައްސަލަ ބެލުމަށް ވަނީ ނިންމާފައެވެ.
ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޕާޓީގެ ދަފުތަރުގެ ސައްހަކަން ކަށަވަރުކުރުމާއެކު، ދަފުތަރު ބެލެހެއްޓުން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން އިތުރަށް ހަރުދަނާކުރުމަށް ޕާޓީގެ ލީޑާޝިޕަށް އަންގަވާފައެވެ. ޝަކުވާ ހުށަހެޅުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.
"އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި މި ޕާޓީގެ މެންބަރެއްގެ ގޮތުގައި ހިމެނިފައި އޮތުން، ނުވަތަ ނުހިމެނި އޮތުމާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ، ޕާޓީގެ މައި އިދާރާ ނުވަތަ ރަށްރަށުގެ މި ޕާޓީގެ ސްޓިއަރިން ކޮމިޓީތަކަށް 2025 އޭޕްރީލް 13 ވާ އާދީއްތަ ދުވަހުގެ 15:00ގެ ކުރިން އެފަދަ ޝަކުވާއެއް ހުށަހެޅުއްވުމުން އެފަދަ ޝަކުވާތަކާ މެދު ބަލަންޖެހޭ އެންމެހާ ކަންކަން މި ޕާޓީން ބަލައި، އަޅަންޖެހޭ ފިޔަވަޅެއް އޮތްނަމަ އަޅަމުންދާނެކަމުގައި ދަންނަވަމެވެ." ޕީއެންސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، 2024ގެ ޑިސެމްބަރު 31ގެ ނިޔަލަށް އެންމެ މެންބަރުން ގިނަ ޕާޓީއަކީ 68,968 މެންބަރުންނާއެކު ޕީއެންސީއެވެ. ދެވަނައަށް އެންމެ ގިނައިން މެންބަރުން ތިބީ 43,755 މެންބަރުންނާއެކު އެމްޑީޕީގައެވެ.
އަދި އެންމެ މަދުން މެމްބަރުން ތިބީ ޔާމީންގެ ޕީއެންއެފްގައެވެ.
މިހާތަނަށް ޕާޓީއަށް ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅޭގޮތުން އެ ޕާޓީން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.




