ހައުސިންގ ޔުނިޓު ކުއްޔަށްދޭ މައްސަލާގައި ފިޔަވަޅު އަޅައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތައް އުސޫލުތަކާ ޚިލާފަށް ކުއްޔަށް ދޫކުރަމުންދާ މައްސަލައިގައި ފިޔަވަޅުތަކެއް އަޅައިފިއެވެ.

މި މައްސަލައާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް:

  • މިދިޔަ މަހު އެފްޑީސީން ވަނީ އެއް ފަރާތެއް ޖޫރިމަނާކޮށް، އިތުރު ތިން ފަރާތަކަށް ލިޔުމުން އިންޒާރު ދީފައެވެ.

  • މި މައްސަލައާ ގުޅުންހުރި އިތުރު ދެ މައްސަލައެއް އެ ކޯޕަރޭޝަނުން މިހާރު ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް މައުލޫމާތު ދީފައިވެއެވެ.

  • ޖޫރިމަނާކޮށްފައިވަނީ ކިހާ އަދަދަކުންކަން އެ ކޯޕަރޭޝަނުން ހާމަކޮށްފައި ނުވެއެވެ.

  • އެފްޑީސީގެ ހައުސިންގ ޔުނިޓުތަކަކީ އާއިލާތަކުގެ ދިރިއުޅުމަށް ޚާއްސަކޮށްފައިވާ ތަންތަން ކަމަށާއި، ވިޔަފާރީގެ އުސޫލުން ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޫކުރުމަކީ އެ ކޯޕަރޭޝަނާ އެކު ވެފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް އެފްޑީސީން ބުނެއެވެ.

  • މި އެއްބަސްވުމުގެ ދަށުން ފްލެޓު ކުއްޔަށް ދޫކުރުމަކީ މަނާ ކަމެއް ކަމަށާއި، އެފަދަ އަމަލެއް ކޮށްފިނަމަ ފްލެޓު އަތުލުމުގެ އިޚްތިޔާރު އެ ކޯޕަރޭޝަނަށް ލިބިގެންވާ ކަމަށް ފްލެޓުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.

މީގެ ކުރިން ފެބްރުއަރީ މަހު ވެސް އަމާން އުދަރެސްގެ ފްލެޓެއްގައި ބިދޭސީން ލޭބަ ކުއާޓާ ހަދަން ދިން މައްސަލައެއް ފެންމަތިވެފައިވާ ކަމަށާއި، އެ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން އެ މީހުން ނެރެ، ފްލެޓު ލިބުނު އާއިލާ އެތަނުގައި ދިރިއުޅެން ފަށާފައިވާ ކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ހާމަކުރައްވާފައިވެއެވެ.

ހިއްސާ ކުރައްވާ!