މި މަހު ފަށާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތުގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި، ވަރުގަދަ ފްރާންސް އަތުން 2-1 އިން މޮޅުވެ އައިވަރީ ކޯސްޓުން ދުނިޔެއަށް ބޮޑު އިންޒާރެއް ދީފިއެވެ. ފްރާންސްގެ ނާންޓްސްގައި ކުޅުނު މި މެޗުން އައިވަރީ ކޯސްޓް މޮޅުކޮށްދިނީ މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި އަމަދު ޑިއާލޯ ޖަހައިދިން ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރަޔާން ޗެރްކީ ޖަހައިދިން މޮޅު ލަނޑާއެކު ފްރާންސް އިން ކުރިހޯދި ނަމަވެސް، ދެވަނަ ހާފުގައި އައިވަރީ ކޯސްޓުން ވަނީ ކުޅުން ބަދަލުކޮށް ފްރާންސްގެ މައްޗަށް ކުރިހޯދާފައެވެ. އެގޮތުން އައިވަރީ ކޯސްޓުގެ ގުއެލާ ޑޫއޭ މެޗުގެ ނަތީޖާ އެއްވަރުކޮށްދިންއިރު، އަމަދު ޑިއާލޯ ވަނީ ދެވަނަ ލަނޑު ޖަހައި ޓީމު މޮޅުކޮށްދީފައެވެ.
މި ބަލިވުމާއެކުވެސް ފްރާންސްގެ ކޭމްޕުން ބުނަނީ މިއީ ކަންބޮޑުވާންޖެހޭ ފަދަ ނަތީޖާއެއް ނޫން ކަމަށެވެ. ޖޫން 16 ގައި ނިއުޔޯކުގައި ސެނެގާލްއާ ދެކޮޅަށް ފްރާންސްގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ކުޅެން އޮތްއިރު، މިޑްފީލްޑަރު އައުރެލިއަން ޗުއަމެނީ ބުނީ މިއީ މުބާރާތަށް ތައްޔާރުވުމުގެ މަރުޙަލާއެއް ކަމުން ޓީމުގެ އިތުބާރު އަދިވެސް އެބައޮތް ކަމަށެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނި ގޮތުގައި މިދިޔަ ހަފުތާ ބަންދުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޕީއެސްޖީގެ ގިނަ ކުޅުންތެރިންތަކަކަށް މި މެޗުގައި ވަނީ އަރާމުދީފައެވެ. އެހެންކަމުން ދެވަނަ ހާފުގައި ގިނަ ބަދަލުތަކެއް ގެނައުމުގެ ސަބަބުން ކުޅުމުގެ ކޮންޓްރޯލް ގެއްލުނީއެވެ.
"ބަލިވުމަކީ ދުވަހަކުވެސް އުފާވެރި ކަމެއް ނޫން. އެކަމަކު ވޯލްޑް ކަޕްގައިވެސް އަހަރެމެންނާ ދެކޮޅަށް ނުކުންނާނީ އައިވަރީ ކޯސްޓް ފަދަ ހަލުވި، ވަރުގަދަ ޓީމުތައް. މި ނަތީޖާގެ ސަބަބުން އަހަރެމެން މާ މޮޅުވެގެން އުޅޭ ބައެއް ކަމަށް ހީކުރުން ހުއްޓުވައިދޭނެ،" ކޯޗު ޑެޝޯމްޕްސް ބުންޏެވެ.
މެޗުގައި ފްރާންސަށް ލަނޑު ޖަހައިދިން ޗެރްކީ ބުނީ، މިއީ ލިބުނު ކުޑަ އިންޒާރެއް ކަމަށާއި، ފްރާންސް ވޯލްޑް ކަޕަށް ދާނީ މިއީ އެންމެ ފޭވަރިޓް ޓީމު ކަމަށް ބަލައިގެން ނޫން ކަމަށެވެ. ނަމަވެސް މުބާރާތުގައި އެންމެން ބަލިކުރާނެ ކަމުގެ އަޒުމް އެބައޮތް ކަމަށް އޭނާ ބުންޏެވެ.







