އިސްލާމޯފޯބިއާގެ އަމަލުތައް އިތުރު ވަނީ

ސްޕެއިންގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ނަފުރަތުގެ އަމަލުތަކާއި ފުރައްސާރަކުރުން، ޚާއްޞަކޮށް އިންޓަނެޓްގެ ޒަރީއާއިން ފަތުރާ އިސްލާމްފޯބިއާގެ މައްސަލަތައް އާދަޔާޚިލާފު މިންވަރަކަށް އިތުރުވަމުންދާކަން އެ ޤައުމުގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.

ސްޕެއިންގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން އާންމުކުރި ރިޕޯޓްތަކާ ޙަވާލާދީ ބުނެފައިވާގޮތުން، 2025 ވަނަ އަހަރު އެ ޤައުމުގައި ރެކޯޑް މިންވަރަކަށް ނަފުރަތުގެ ކުށްތައް ވަނީ އިތުރުވެފައެވެ. މިއީ 2014 ވަނަ އަހަރު މިފަދަ ތަފާސްހިސާބުތައް ބަލަހައްޓަން ފެށިފަހުން ނަފުރަތުގެ މައްސަލަތައް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، ސްޕެއިންގެ ފުލުހުން މިދިޔަ އަހަރު ނަފުރަތުގެ 2,417 މައްސަލައެއް ތަޙުޤީޤުކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 23.6 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން އެންމެ ގިނައީ ނަސްލީގޮތުންނާއި ބިދޭސީންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކެވެ. އެއީ ޖުމްލަ 934 މައްސަލައެވެ.

ނަމަވެސް، އެންމެ ހަލުވިކަމާއެކު އިތުރުވަމުންދާ ބާވަތަކީ އިސްލާމްފޯބިއާގެ އަމަލުތަކެވެ. މުސްލިމުންނަށް އަމާޒުކޮށް ހިންގި ޖިނާއީ ކުށްތައް 2024 ވަނަ އަހަރާ އަޅާބަލާއިރު 133 އިންސައްތަ އިތުރުވެ، 35 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. މި ނުރައްކާ އެންމެ ބޮޑީ ޑިޖިޓަލް ދުނިޔޭގައެވެ. އިންޓަނެޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މުސްލިމުންނާ ދެކޮޅަށް ހިންގި ނަފުރަތުގެ އަމަލުތައް ވަނީ 450 އިންސައްތަ އިތުރުވެފައެވެ.

މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށް ހިންގި ކުށްތައް 90 އިންސައްތަ އިތުރުވެފައިވާއިރު، ޔަހޫދީންނާ ދެކޮޅު އަމަލުތައް ވަނީ 86.5 އިންސައްތަ މަތިވެފައެވެ. އަދި ޖެންޑަރ އައިޑެންޓިޓީއާ ގުޅުންހުރި ނަފުރަތުގެ 571 މައްސަލައެއް ރެކޯޑްކުރެވި، އެއީ ދެވަނައަށް އެންމެ ގިނަ މައްސަލަ ހިމެނޭ ދާއިރާއެވެ.

ސްޕެއިންގެ ކަމާބެހޭ ފަރާތްތަކުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައިވަނީ، މިފަދަ ނަފުރަތުގެ ކުށްތަކުގެ ޝިކާރައަކަށްވާ މީހުންގެ ތެރޭގައާއި، އަދި ކުށްކުރާ މީހުންގެ ތެރޭގައިވެސް ކުޑަކުދިން ހިމެނޭ މިންވަރު އާދަޔާޚިލާފަށް އިތުރުވަމުންދާތީއެވެ.

އޮފިޝަލުން ވަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނަފުރަތުގެ ބަސްތަކާ މެދު ސަމާލުވުމަށް އިންޒާރުދީފައެވެ. އަދި އޭގެ ތެރެއިންވެސް އިސްލާމްފޯބިއާއަކީ އިންޓަނެޓްގައި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ނަފުރަތުގެ އެއް ބާވަތް ކަމަށް ފާހަގަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!