ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަން އިނދަޖެހި، ދުބާއީގެ ޝާހީ ހޮޓާތަކުގެ އަގުތައް ހެޔޮކުރަން މަޖުބޫރުވެއްޖެ

ހަނގުރާމައިގެ ސަބަބުން ގަލްފް ސަރަޙައްދުގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސް، ދުބާއީގެ އެންމެ އަގުބޮޑު ޝާހީ ހޮޓާތައް ޚަރަދު ސަލާމަތް ކުރުމަށްޓަކައި އެ ޤައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ބަރޯސާވާން މަޖުބޫރުވެއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބޭރުގެ ފަތުރުވެރިން އައުން މުޅިން ހުއްޓުމަކަށް އައުމާ ގުޅިގެން ދުބާއީގެ ބައެއް ބޮޑެތި ހޮޓާތައް މިހާރު ވަނީ މަރާމާތުކުރުމުގެ ނަމުގައި ވަގުތީގޮތުން ބަންދުކޮށްފައެވެ.

މި ކާރިސާގެ ސަބަބުން ގިނަ ހޮޓާތަކަކަށް ވަނީ މުވައްޒަފުންނަށް މުސާރަ ނުދެވުމުގެ ބޮޑު ތާށިކަމަކާ ކުރިމަތިލާން ޖެހިފައެވެ. ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާއިރު، ބައެއް ހޮޓާތަކުން ވަނީ އެތަންތަން އަލުން ހުޅުވޭނީ ހަނގުރާމަ މުޅިން ހުއްޓި ފަތުރުވެރިކަން އާާންމު ޙާލަތަކަށް ރުޖޫޢަވުމުން ކަމަށް ބުނެފައެވެ.

ދުބާއީގެ އެންމެ މަޝްހޫރު އެއް ފަތުރުވެރި މަންޒިލް ކަމަށްވާ "ޕާމް ޖުމެއިރާ" އާއި އެކި ސަރަޙައްދުތަކުގައި ހުރި ފަސްތަރީގެ މަތީ ފަންތީގެ ހޮޓާތަކުން މިހާރު ވަނީ އެ ޤައުމުގައި ދިރިއުޅޭ ބޭރު މީހުންނަށާއި ރައްޔިތުންނަށް ޚާއްޞަ ޕެކޭޖުތަކެއް ތަޢާރަފުކޮށްފައެވެ.

މި ބޮޑު ޑިސްކައުންޓްތަކުގެ ސަބަބުން، ކުރިން ހޮޓާތަކުގެ އަގުތައް ހުރި ގޮތުން އެތަންތަނަށް ނުދެވޭ އާާންމު ރައްޔިތުންނަށްވެސް މިހާރު ދުބާއީގެ އެންމެ ލަގްޒަރީ ހޮޓާތަކުގައި ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

ހިއްސާ ކުރައްވާ!