ވަރޫން ދާވަންގެ ކައިވެނީގެ ހުށަހެޅުން ރޭވިގޮތަށް ކުރިއަކަށް ނުދިޔަ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވަރޫން ދަވަން، އޭނާގެ އަންހެނުން ނަތާޝާ ދަލާލަށް ކައިވެނި ކުރުމަށް ހުށަހެޅި ގޮތް ހިއްސާކުރަމުން، އެކަން ދިޔައީ އޭނާ ރޭވިގޮތަށް ނޫން ކަމަށާއި އެއީ ވަރަށް "ބޮޑު ފޭލިވުމެއް" ކަމަށް ބުނެފިއެވެ. ކޮމީޑިއަން ތަންމޭ ބަޓްގެ ޔޫޓިއުބް ޝޯއެއްގައި ވާހަކަދައްކަމުން ވަރޫން ބުނީ، ފިލްމުތަކުގައި ފެންނަ ފަދަ ފުރިހަމަ ކައިވެނީގެ ހުށަހެޅުންތަކާ ޙަޤީޤީ ދިރިއުޅުން ވަރަށް ތަފާތު ކަމަށެވެ.

ވަރޫން ކިޔައިދިން ގޮތުގައި އޭނާ ރާވައިގެން ހުރީ އަލީބާގްގައި ޗުއްޓީ ހޭދަކުރަމުން، ލަވަޔަކާއެކު ޕޫލަށް އެރި އުޅުމުގެ ތެރޭގައި ނަތާޝާ ގާތު ކައިވެންޏަށް އެހުމަށެވެ. އޭނާ ބޭނުންވީ ނަތާޝާ ޕޫލުން އަރާ ވަގުތު ކައިވެންޏަށް އެދުމަށެވެ. ނަމަވެސް ވަގުތު ކޮޅު ދިޔައީ ނުބައިކޮށެވެ. ވަރޫން ކައިވެނީގެ އަނގޮޓި ހިފައިގެން އައިއިރު ނަތާޝާ އޮތީ ޕޫލުން ފައިބާފައެވެ.

އޭގެ ފަހުން މުޅި ރޭވުން އަތުން ދޫވިއެވެ. ވަރޫންގެ ރޭވުން ނިމުމަކަށް އައީ ނަތާޝާ އެކި ދިމަދިމާލަށް ބުއިންތަކާއި ސަލަޑް ބޭނުންވެގެން ހިނގަން ފެށުމުންނެވެ. ވަރޫންއަށް އެހީވުމަށް އޭނާގެ ރައްޓެހިން ނަތާޝާ އެއްތަނެއްގައި ބައިންދަން މަސައްކަތް ކުރި ނަމަވެސް، ނަތާޝާއަށް ވަނީ ވަރޫން ޕްރޮޕޯޒް ކުރަން އުޅޭކަން ކުރިއާލާ ރޭކާލާފައެވެ. މިކަމުގެ ސަބަބުން ވަރޫންއަށް އެއް ލަވަޔެއް ޖެހިޖެހިގެން ތިން ފަހަރު ޖަހަން ޖެހުނެވެ.

ވަރޫންއާއި ނަތާޝާއަކީ ކުޑައިރުގެ ދެ އެކުވެރިންނެވެ. އެމީހުން ފުރަތަމަ ދިމާވީ 6ވަނަ ކުލާހުގައި އުޅުނުއިރުއެވެ. އެތައް ދުވަހަކު ރައްޓެހިވެގެން އުޅުމަށްފަހު ދެމީހުން ކައިވެނިކުރީ 2021 ވަނަ އަހަރުއެވެ. މިހާރު އެމީހުންނަށް އަންހެން ކުއްޖަކުވެސް ލިބިފައިވެއެވެ. އޭނާގެ ނަމަކީ ލާރާއެވެ.

ވަރޫން މި ވާހަކަތައް ހިއްސާކޮށްފައިވަނީ އޭނާގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކޮށް، ދާދިފަހުން ރިލީޒްކުރި އޭނާގެ އައު ފިލްމު "ހޭއި ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ" ޕްރޮމޯޓް ކުރުމުގެ ތެރެއިންނެވެ. މި ފިލްމުން ވަރންގެ އިތުރުން މުރުނާލް ތާކުރް އަދި ޕޫޖާ ހެގްޑޭ ފެނިގެންދެއެވެ.

ހިއްސާ ކުރައްވާ!