ނޫރާ ފަތުހީގެ އައު ލަވަ ފީފާ ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ހުށަހަޅައިދެނީ

2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރަސްމީ މިއުޒިކް މަޝްރޫޢުގެ ދަށުން، މަޝްހޫރު ފަންނާނު ނޫރާ ފަތުހީގެ އައު ލަވަ "ސީރް ސީރް" ރިލީޒްކޮށްފިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މިއުޒީޝަނުން ބައިވެރިވާ މި އަލްބަމްގައި ހިމެނޭ މި ލަވަ ނޫރާ ތައްޔާރުކޮށްފައިވަނީ މިއުޒިކް ޕްރޮޑިއުސަރު ސަންޖޯއި އަދި ފަރަންސޭސި ލަވަކިޔުންތެރިޔާ ވެޖެޑްރީމްއާ ގުޅިގެންނެވެ.

މި ލަވަ ނެރުނުއިރު، ޖޫން މަހުގެ 12ވަނަ ދުވަހު ކެނެޑާގެ ޓޮރޮންޓޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ނޫރާ ލަވަކިޔައި، ހުށަހަޅައިދޭނެކަން އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. މިއީ ޤަޠަރުގައި ބޭއްވުނު ވޯލްޑް ކަޕަށްފަހު ފީފާގެ ބޮޑު ހަރަކާތަކުން ނޫރާ ފެންނާނެ 2ވަނަ ފަހަރެވެ.

މި ލަވައާ ބެހޭގޮތުން ވާހަކަދައްކަމުން ނޫރާ ބުނީ، މިއީ އޭނާގެ ހަޔާތާ ވަރަށް ބޮޑަށް ގުޅިފައިވާ ޚާއްޞަ ލަވައެއް ކަމަށެވެ. މި ލަވައިން އޭނާގެ އަސްލު ކަމަށްވާ މޮރޮކޯގެ ސަގާފަތާއި، އުފަންވި ޤައުމު ކަމަށްވާ ކެނެޑާގެ ބަޔާއި، އަދި އޭނާގެ ކާމިޔާބީގެ ބިންގާ ކަމަށްވާ އިންޑިއާއާއި ދެކުނު އޭޝިއާގެ ނުފޫޛު އެކުލެވިގެންވާނެއެވެ. އަދި ލަވައިގެ ނެށުންތެރިންނާއި، ފަރުމާކުރާ ޓީމުގައި އިންޑިއާގެ ފަންނާނުންގެ ބޮޑު ހިއްސާއެއް އޮތްކަން އޭނާ ފާހަގަކުރިއެވެ.

މި ޚަބަރު ފެތުރިފައި މިވަނީ، ދާދިފަހުން ނެރުނު ހިންދީ ލަވައެއްގެ ސަބަބުން ނޫރާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ލަވައިގައި އަންހެނުން ދަށްކޮށްލާފައިވާ ކަމަށް ބުނެ އިންޑިއާގެ ގައުމީ އަންހެނުންގެ ކޮމިޝަނުން އޭނާ ހާޒިރުކުރުމުން، ނޫރާ ވަނީ އެކަމަށް މާފަށް އެދި ބަޔާނެއް ނެރެފައެވެ. އަދި އެ ލަވަ މިހާރު ވަނީ ޔޫޓިއުބުން ނަގާފައެވެ.

ހިއްސާ ކުރައްވާ!